އިޓާލިއަން ލީގުގައި އޭސީ މިލާނާއި ޓޮރީނޯ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވުމާއެކު މިލާނަށް ވަނީ އެ ޓީމް ލީގުގައި ކުޅުނު 10 މެޗުން 28 ޕޮއިންޓް ލިބިފައެވެ. މިވަގުތު މިލާން އޮތީ ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި 9 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު އޮތީ ނަޕޯލީއެވެ. ލީގުގައި ނަޕޯލީ މާދަމާ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބޮލޯނާއާއި ދެކޮޅަށެވެ. އެ މެޗުން ނަޕޯލީ މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން ތާވަލުގެ އެއްވަނަ ލިބިގެންދާނެއެވެ. މިލާނު އަތުން ބަލިވި ޓޮރީނޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 10 މެޗުން 11 ޕޮއިންޓެވެ.
އިޓާލިއަން ލީގުގައި މިރޭ ގިނެ މެޗުތަކެއް ކުޅޭނެއެވެ. މިގޮތުން ޔުވެންޓަސް ނުކުންނާނީ އަމިއްލަ ދަނޑުގައި ސަސޫލޯއާއި ދެކޮޅަށެވެ. އިންޓަ މިލާން ރަށުން ބޭރުގައި ނުކުންނާނީ އެމްޕޯލީއާއި ދެކޮޅަށެވެ. މީގެއިތުރުން އެތުލާންޓާ ރަށުން ބޭރުގައި ނުކުންނާނީ ސަމްޑޯރިއާއާއި ދެކޮޅަށެވެ.
މިލާނާއި ޓޮރީނޯ ބައްދަލުކުރި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ރާޑޭ ކުރުނިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޮލިވަ ޖިރޫޑެވެ.
މެޗުގެ ދެވަނަ ހާފުގައި ޓޮރީނޯއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މިގޮތުން އެ ކެޕްޓަން ލޫޝިއާނޯ ބެލޮއްޓީއަށް ލިބުނު ފުރުސަތުގައި އޭނާ އަށް ރަނގަޅަށް ފޮނުވާލެވިފައި ނުވާއިރު، އެ ޓީމްގެ ޕޮގޭބާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެއެވެ. އަދި ބެލްޖިއަމްގެ މިޑްފީލްޑަރު ޑެނިސް ޕްރައެޓް ފޮނުވާލި ހަމަލާ ވެސް އަމާޒުވެފައި ވަނީ މިލާނުގެ ގޯލިގެ ހުރަސް ދަނޑިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!