ސޯޝަލް މީޑިއާގައި، އެހީ އަށް ބޭނުންވެ ކުރެވިފައި ހުންނަ ޕޯސްޓްތައް ނަގައިގެން، އެކައުންޓް ނަންބަރ ބަދަލުކޮށް މީހުންނަށް އޮޅުވާލައިގެން ނުހައްޤުން ފައިސާ ހޯދަމުންދާ ފަރާތްތަކާއިމެދު ސަމާލުވުމަށް މަމްސް އެންޖީއޯއިން އެދެފި އެވެ.

މަމްސް އެންޖީއޯއިން ބުނެފައިވަނީ މި ފަހަކަށް އައިސް މިފަދަ ދަށުދަރަޖައިގެ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ އެހީތެރިކަން ނުލިބި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ފަރާތްތަކާއިމެދު ހުރިހާ ބޭފުޅުންވެސް ސަމާލުވެލެއްވުމަށް އެދެމުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ ބަޔަކު ހޯދާ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައްވާފައެވެ.

Ad
rt

ފަހަކަށް އައިސް ތަފާތު ބަލިތަކާއި އެކިއެކި ބޭނުންތަކުގައި އާންމުންގެ އެހީތެރިކަމަށް އެދި ކޮށްފައިވާ ޕޯސްޓްތަކުގައިވާ އެކައުންޓް ނަންބަރު ބަދަލުކޮށްގެން އަންނަނީ އޮޅުވާލަމުންނެވެ.

އެންމެ ފަހުން މަމްސް އެންޖީއޯގެ ފަރާތުން ކުރިއަށް ގެންދިޔަ ނާޒިމާގެ އާއިލާއަށް އެހީތެރިކަން ހޯދުމަށް ހިންގި ކެމްޕެއިންގެ ފޮޓޯތައް ބޭނުންކޮށްގެން، އެކައުންޓް ނަންބަރ ބަދަލުކުރުމަށްފަހު އޮޅުވާލައިގެން ފައިސާ ހޯދުމަށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވަމުންދާތީ އެކަން މަމްސް އެންޖީއޯއިން ވަނީ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެހީތެރިވެލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން އެކައުންޓް މައުލޫމާތު ސައްހަކަން ޔަގީން ކުރުމަށް ފަހު ނޫނީ ނުފޮނުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މަމްސް އެންޖީއޯގެ ހުރިހާ ކެމްޕެއިންއެއްގައި ވެސް ބޭނުން ކުރަމުން ދަނީ މަމްސް އެންޖީއޯގެ ނަމުގައި ހުޅުވިފައިވާ އެކައުންޓްތައް ކަމަށާއި އަދި އެހުރިހާ ކެމްޕެއިންއަކާއި ގުޅޭ މަޢުލޫމާތުތައް މަމްސްގެ ސޯޝަލްމީޑިއާ ޕްލެޓްފޯރމްސްގެ އިތުރަށް އިތުބާރުހުރި ޚަބަރުފަތުރާ ނޫސްތަކުގައި އަބަދުވެސް ހިމެނިގެން ދާނެކަން ވަނީ އަންގާފައެވެ.

އަދި ނުހައްގުން ފައިސާ ހޯދަމުންދާ ފަރާތްތަަށް ރިޕޯޓް ކުރުމަށް އެދެމުން މަމްސް އެންޖީއޯއިން ވަނީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށްވެސް ހަނދާންކޮށްދެއްވާފައެވެ.

Bank Details:

Account Name: MOMS

Mvr 7730000294482

USD 7730000294483

މަމްސް އެންޖީއޯގެ އޮފިޝަލް އެކައުންޓްތައް:

ފޭސްބުކް: https://www.facebook.com/MOMSMV/

އިންސްޓަގްރާމް: momsngo

ޓުވިޓަރ: NgoMoms

ސަމާލުވޭ! އެހީ ޕޯސްޓަރުތަކުގެ އެކައުންޓް ނަންބަރު ބަދަލުކޮށްގެން ފައިސާ ފޭރެނީ