ހއ. ކެލާ ބަނދަރު ސަރަހައްދުގައި ޤާއިމްކުރެވޭ ލޯކަލް މާރުކޭޓްގެ މަސައްކަތް ކެލާ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލައަށް ފަރުމާކޮށް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ގޮސް މައުލޫމާތު ސާފު ކުރަންޖެހެއެވެ.

Ad
rt

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައެވެ.

މީގެ އިތުރުން މައުލޫމާތު ސާފު ކުރުމާއި ޕްރޮޕޯސަލްގައި ބައިވެރިވެވޭނީ ހަމައެކަނި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ގެ އިތުރުން އަމިއްލަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށާއި މިކަމަށް ޝަރުތު ފުރިހަމަވާ އަދި ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން 26 އޮކްޓޯބަރ އިން 04 ނޮވެމްބަރ ގެ 14:00 ކުރިން ކައުންސިލް އިދާރާއަށް ގޮސް ރަޖިސްޓްރީ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކެލާގައި ދަނީ މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި އަހަރުގެ މާރިޗް 21 ވަނަ ދުވަހު ބިންގާއެޅި މި މަސް މާރުކޭޓުގެ މަސައްކަތް ކުރަނީ ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ނެވެ.

180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ. ކެލާގައި މަސްމާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިއަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ.