ރައްޔިތުން މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި ބައްދަލު ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ ސަން އައިލެންޑް ރިސޯޓްގައެވެ.
ރައީސް ނަޝީދު، ޖޭޕީގެ ލީޑަރު ޤާސިމާ ބައްދަލު ކުރައްވަން މާމިނގި މަގުން ސަންއަށް ވަޑައިގަތީ މިއަދު އެވެ. މައުލޫމާތު އެނގޭ މީހަކު "ތިލަދުން"އަށް ބުނީ ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. އަދި ރައީސް ނަޝީދު ޤާސިމާއި ބައްދަލުކުރަން ވަޑައިގަތީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކަމަށް އެނގިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
މި ބައްދަލުވުގެ ފޮޓޯއިން ފެންނަ ގޮތުގައި ރައީސް ނަޝީދުގެ އަރިހުގައި ޤާސިމާއި ބައްދަލުކުރައްވަން އެމްޑީޕީގެ ޗެއާ ޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި، އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމާއި އަދި އެމްޑީޕީގެ ނައިބު ރައީސް، ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް ވެސް ވަނީ ސަންއަށް ވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް @MohamedNasheed ގެ އަމިއްލަފުޅު އެދިލެއްވުމަށް އެމަނިކުފާނާއި ، ޖޭޕީގެ ލީޑަރ @qasimibrahim ބައްދަލުކުރައްވައިފި! pic.twitter.com/N9T8ORxP20
— ᗰᝪᕼᗩᗰᗴᗞ ᗩᗞᕼᑌᕼᗩᗰ (@M_Adhuham) October 25, 2021
މި ބައްދަލުވާއިގުޅޭ އިތުރު ތަފްސީލެއް އެމްޑީޕީން ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް އަދި ނުދެއެވެ.
ރައީސް ނަޝީދު ޤާސިމާއި ބައްދަލުކުރެއްވިއިރު، އެމަނިކުފާނު އިއްޔެވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަކީ ނިޒާމަށް ތާއީދު ކުރައްވައި، އެ ނިޒާމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ލީޑަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!