މާލެ މަޖީދީމަގުން ހުޅުމާލެ ދިއުމަށް ޓެކްސީއަކަށް އެރި 2 މީހަކު ޓެކްސީ ޑްރައިވަރ އަށް ވަޅިން ބިރު ދައްކައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން ވަޅިން ބިރުދައްކައިގެން ޓެކްސީ ޑްރައިވަރ އަތުން 700 ރުފިޔާ ފޭރިގަތުމަށްފަހު އެމީހުން ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad
rt

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް މިހާރު ތަހުގީގު ކުރަމުންދާކަމަށެވެ.

މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ ވަނީ މަރާލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. އޭގަފަހުން މަސްތުވެގެން ހުރި އިންޑިއާގެ މީހަކުވަނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކު މަރާލަން ހަމަލާއެއް ދީފަ އެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަބަދުވެސް ކަމާ ގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކާ ހިއްސާކުރެއެވެ. ނަމަވެސް އެދެވޭ ނަތީޖާއެއްނުފެންނާތީ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.