ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މިވަގުތު ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންފައި މިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ސަރުކާރުގެ ބިލްތައް ހުށައެޅުން ލަސްވެގެން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނީ މަސައްކަތް ނުކުރެވޭ ކަމުގެ މަންޒަރު އެމަނިކުފާނަށް ސިފަވެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގައި 33 ބިލެއްގެ މަސައްކަތް މިހާރުވެސް ނުނިމިފައިވާ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވަނީ އެބިލްތަކުގެ ތަފްސީލު ދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ
ޖޮއިންޓް ކޮމިޓީގެ 7 ބިލް، ޖުޑީޝަރީ ކޮމިޓީގެ 5 ބިލް، ލާމަރުކަޒީ ކޮމިޓީގެ 5 ބިލު، އިޖުތިމާއީ ކޮމިޓީގެ 4 ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ 4 ބިލު، އިގުތިސޯދީ ކޮމިޓީގެ 2 ބިލު، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ 2 ބިލު، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ 2 ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 1 ބިލު އަދި މާލިއްޔަތު ކޮމިޓީގެ 1 ބިލެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުން ވަނީ ރައްޔިރުންގެ މަޖިލީހުގެ މިހިނގާ ދައުރަށް 32 ބިލެއް މަޖިލީހަށް ހުށައެޅުމަށް ނިންމާފައި ކަމަށާއި އޭގެ ތެރޭގައި ޝަރުއީ، ގާނޫނީ، އިޖުތިމާއީ، އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލްތައް ހިމެނޭކަމަށެވެ.
އަދި ބިލްތައް ފޮނުވުން ލަސްވާ ސަބަބާއި ގުޅޭގޮތުން އިދާރާ ތަކާއި ސުވާލު ކޮށްފައިވާނެ ކަމަށާއި އެކަމަށް އެފަރާތްތަކުން ބުނެފައިވަނީ މަޖިލީހަށް ބިލްތައް ފޮނުވުން ލަސްވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!