އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އިންޓަ މިލާނުންނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އިންޓަގެ ޗަލޮނގޫ ފޮނުވާލި ބާރު ހަމަލާ ޔުވެންޓަސްގެ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރޯމާއިން މި ސީޒަނަށް އިންޓައާއި ގުޅުނު އެޑިން ޒެކޯއެވެ.

Ad
rt

ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ 87 ވަނަ މިނެޓުގައި އިންޓަގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޑިފެންޑަރ ޑަމްފްރީސް ޔުވެންޓަސްގެ ސަންޑްރޯއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ ޔުވެންޓަސްއަށް ކާމިޔާބު ކޮށްދީފައި ވަނީ ޑިބާލާއެވެ. ރެފްރީގެ މި ނިންމުމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުން އިންޓަގެ ކޯޗް އިންޒާގީއަށް ވަނީ ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލާފައެވެ.

އިޓާލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު އެޓަލާންޓާއާއި އުދިނޭޒީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. އަދި ރޯމާއާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި ނަތީޖާތަކާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 9 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު ނަޕޯލީއެވެ. ދެވަނާގައި އޮތް މިލާނަށް ވެސް ވަނީ 25 ޕޮއިންޓް ލިބިފައެވެ. އިންޓަމިލާން 9 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތިންވަނާގައި އޮތްއިރު، ޔުވެންޓަސް މިވަގުތު އޮތީ ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް 9 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.