ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި އެލްކުލެސިކޯ މެޗް ރެއާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ޑެސްޓަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. ރެއާލްގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ހުހަށްހުރެ އޭނާ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައި ވަނީ ގޯލުގެ ހުރަސްދަނޑި މަތިންނެވެ.

Ad
rt

މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނީ 32 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަލާބާއެވެ. އަލާބާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ބާސާގެ އޭރިއާގެ ބޭރުގައިހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ބާސާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ކޯނަރަކުން ރެއާލްގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ޕީކޭ ހުހަށްހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ގިންވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމަށް ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތުތަކެއް ތަނަވަސް ކުރެވުފައި ނުވެއެވެ. ނަމަވެސް ކައުންޓަ އެޓޭކްގައި ރެއާލުން ވަނީ މި ހާފުގައި ވެސް ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ވިނީސިއަސްއާއި ބެންޒެމާ ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ.

ރެއާލުން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި އެސެންސިއޯ ފޮނުވާލި ހަމަލާ ބާސާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ލޫކަސް ވަޒްކުއޭޒްއެވެ. ބާސާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެއް ދެއްކި އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަގުއެރޯއެވެ.

މި މެޗުން މޮޅުވުމާއެކު ރެއާލަށް ވަނީ ކުޅުނު 9 މެޗުން 20 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ސެވިއްޔާއާއި ތިންވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއަށް ވެސް ވަނީ 20 ޕޮއިންޓް ލިބިފައެވެ. ރެއާލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މެޗުން ބަލިވި ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ 8 ވަނާގައެވެ. އެ ޓީމަށް 9 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.