އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅުނު ގޭގެ ގޯތި ތެރޭން މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފިއެވެ.
މި މަހު 14 ވަނަ ދުވަހު އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން މިރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މަޙްމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:36 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.
ޝާ އަލޮމް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
"މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ." ފުލުހުން ވިދާޅުވެފަވެއެވެ.
އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް
ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައެއް ނުވާކަމަށެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ކޮމިސައިޑް އިންވެސްޓިގޭޝަންގެތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!