ދިވެހިންގެ ބޭންކު، ބީއެމްއެލް އަށް މިދިޔަ ކުއާޓާގައި ބިލިއަނުން ފައިދާ ވެއްޖެއެވެ.

އެ ބޭންކުން މިއަދު ބޭއްވި ހާއްސަ ގޮތުން ބާއްވާ އާއްމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމޮތީ ސޯޔާ ވިދާޅުވީ މިދިޔަ ކުއާޓާގައި ބޭންކަށް 1.03 ބިލިއަން ރުފިޔާ ހިންގުމުގެ ފައިދާ ގޮތުގައި ލިބިފައިވާ ކަމަށެވެ. މިއީ ބޭންކަށް ދައްކަން ޖެހޭ ލޯނެއް ނުދައްކައި ހުރުމަށްފަހު އެއްފަހަރާ ފައިސާ ދެއްކުމުން ލިބުނު ފައިދާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ޓިމް ވިދާޅުވީ އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ބޭންކުން ނެރުނު ނަތީޖާ ރަނގަޅު ކަމަށެވެ. އަދި އުއްމީދަކީ ފަހު ކުއާޓާގައި ވެސް މިފަދަ ނަތީޖާއެއް ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާ އަޅާބަލާއިރު ނަތީޖާވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެންވެސް މި ކާމިޔާބީ ދެމެހެއްޓުން. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،" ޓިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިއީ އެވްރެޖުކޮށް ބީއެމްއެލް އަށް ލިބޭ ވަރަށްވުރެ ބޮޑު ފައިދާއެކެވެ.

ކޯވިޑް-19އާ ގުޅިގެން ފާއިތުވި އަހަރާއި މިއަހަރުގެ ކުރީކޮޅު ބޭންކުގެ ފައިދާ ދަށްވިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް ފައިދާ ދަނީ އިތުރުވަމުންނެވެ.