އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބާނާޑޯ ސިލްވަ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގުންޑަގަން ކާމިޔާބުކުރި އިރު ދެން ސިޓީން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފިލް ފޯޑެންއެވެ.

Ad
rt

ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންއިން ވަނީ ޓީމް ކުރިއަށް ޖައްސައި ސިޓީއަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަލެކްސިސް މެކަލިސްޓާއެވެ. ރެފްރީ ބްރައިޓަންއަށް ޕެނަލްޓީ ދީފައި ވަނީ ސިޓީގެ ކީޕަރު އެޑަސަން އޭރިއާތެރެއިން ބްރައިޓަންގެ އެނޮކް އެމްވޭޕޫ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ސިޓީން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ފޯޑެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މަހްރޭޒްއެވެ.

މި ނަތީޖާއާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ސިޓީއަށް 9 މެޗުން 20 ޕޮއިންޓް ވަނީ ލިބިފައެވެ. އެއްވަނާގައި އޮތީ 9 މެޗުން 22 ޕޮއިންޓް ހޯދައިގެން ޗެލްސީއެވެ. މެޗުން ބަލިވި ބްރައިޓަން އޮތީ 9 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ހަތަރު ވަނާގައެވެ.