އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ނިމުނު ހަފްތާގެ ތެރޭގައި ޗެލްސީން ޗެމްޕިއަންސް ލީގުގައި މަލްމޯއާއި ބައްދަލުކުރި މެޗުގައި އެ ޓީމްގެ ދެ ފޯވާޑުން ކަމަށްވާ ލުކާކޫ އާއި ޓިމޯ ވާނާ އަށް އަނިޔާވުމުން ޗެލްސީން މި މެޗަށް ނުކުމެފައި ވަނީ އެ ދެކުޅުންތެރިން ނުލައެވެ. ނަމަވެސް އެ ޓީމުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ލަނޑުޖަހައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު 8 ވަނަ މިނެޓުގައި ޖޯޖީނިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މޭސަން މައުންޓެވެ. ޗެލްސީން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ކޮވެސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހަޑްސަން އޮޑޮއީއެވެ. ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޭމްސްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މިގޮތުން ޗެލްސީގެ ހަތަރުވަނަ ލަނޑު 57 ވަނަ މިނެޓުގައި ކޮވެސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޗިލްވެލް ކާމިޔާބުކުރި އިރު، ފަސްވަނަ ލަނޑަކީ ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ނޯވިޗްގެ ބެން ގިބްސަންއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލާފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޗެލްސީން މެޗުގައި ކާމިޔާބުކުރި ހަވަނަ ލަނޑާއި ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މައުންޓެވެ. އޭނާވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ މައުންޓް ޗެލްސީގެ ޖޯޒީގައި ހެދި ފުރަތަމަ ހެޓްރިކެވެ.
ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. އެ ޓީމަށް ވަނީ 9 މެޗުން 22 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި މިވަގުތު ލިވަޕޫލް އޮތީ 8 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ނޯވިޗް މިވަގުތު އޮތީ ކުޅުނު 9 މެޗުން ލިބުނު 2 ޕޮއިންޓާއިއެކު ތާވަލުގެ ފުލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!