އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި އެސްޓަންވިލާ ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ލީގު ފަށައިގެން އާސެނަލްއިން ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް ބަލިވުމުގެ ސަބަބުން އެ ޓީމަށް ބޮޑު ނުތަނަވަސް ކަމަކާއި ކުރިމަތިވިއެވެ. އެއަށްފަހު ޖެހިގެންއައި ތިންމެޗު ކާމިޔާބުކުރުމުން ޕްރެޝާ ދައްވި ނަމަވެސް ލީގުގައި އެންމެ ފަހުން ކުޅުން ދެ މެޗުން އެއްވަރުވުމާއިއެކު އޮތް ނުތަނަވަސްކަމަށް މި މެޗުން މޮޅުވުމުން ވަނީ ލުޔެއް ލިބިގެން ގޮސްފައެވެ.

Ad
rt

އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސްއެވެ. އެ ލަނޑުގެ ކުރިން މެޗުގެ 20 ވަނަ މިނެޓުގައި ތޯމަސް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ވިލާގެ ގޯލުގެ ދަނޑިއަށެވެ.

އާސެނަލްއިން ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ފޯވާޑް ލަކަޒޭޓްއައް ވިލާގެ އޭރިއާގެ ތެރެއިން ވިލާގެ ޑިފެންޑަރ މެޓް ޓާގެޓްކުރި ފައުލަކާއި ގުޅިގެން ރެފްރީ ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނަލްޓީންނެވެ. އާސެނަލްގެ ފޯވާޑް އޮބާމެޔަން ފޮނުވާލި ޕެނަލްޓީ ވިލާގެ ކީޕަރު މާޓިނޭޒް ދިފާއުކުރި ނަމަވެސް ރީބައުންސްގައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޮބާމެޔަން ވަނީ އާސެނަލްއަށް ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި ތިން ލަނޑުގެ ލީޑެއް ހޯދާފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި އޮބާމެޔަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްމިތު ރޯވްއެވެ. ވިލާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ރަމްސޭއެވެ.

މި ނަތީޖާއާއިއެކު އާސެނަލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ ކުޅުނު 9 މެޗުން 14 ޕޮއިންޓެވެ. މެޗުން ބަލިވި އެސްޓަން ވިލާ އޮތީ ކުޅުނު 9 މެޗުން ލިބުނު 10 ޕޮއިންޓާއިއެކު 13 ވަނާގައެވެ.