ތިލަދުންމަތިން މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެއްދުމަކީ ކޯޗް ފަޔާގެ އުންމީދެއް!

fayaa

ފުޓްބޯޅަ އުނގެނި ދަސްކޮށް އެ ހުނަރު އިތުރު ބަޔަކަށް އުނގައްނައިދީ އެ ދާއިރާއިން ޤައުމަށް ޚިދުމަތް ކޮށްދިނުމުގެ އާދަޔާ ޚިލާފް ޝައުޤެއް ހުންނަ ހދ. ހިރިމަރަދޫ، ހުސައިން ފަޔާޒް (ފަޔާ) ގެ ވާހަކަ ވެސް ފަށަން މި ޖެހެނީ ފުރުޞަތުތައް ތޮއްޖެހިފައިވާ ވެރިރަށް މާލެއާއި ފުރުޞަތުތައް މަދު ރާއްޖެތެރޭގެ ވާހަކައިންނެވެ.

ރާއްޖޭގައި މަތީ ފަންތީގައި ފުޓްބޯޅަ ކުޅެންވިޔަސް ދާންވީ މާލެއެވެ. ރާއްޖޭގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ޓީމަކަށް ކުޅެންވިޔަސް އަދި ކޯޗުކޮށްދޭން ވިޔަސް ދާންވީ ހަމަ މާލެއެވެ. ރާއްޖެތެރޭ ކުޅުންތެރިންނަށް ހުނަރު ދައްކާލަން ލިބޭ އަތޮޅު ފުޓްބޯޅަ މުބާރާތާއި ޒޯން ފުޓްބޯޅަ މުބާރާތްތަކާއި، އަދި އެ ޓީމް ތަކަށް ކޯޗްކަން ކޮށްދީ ކޯޗިންގެ ހުނަރު ދައްކާލަން ލިބޭ އަތޮޅު އަދި ޒޯން މުބާރާތް ވެސް ބާއްވާނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ހިތައް އެރިއްޔާއެވެ.

މިހާރު އިހަވަންދޫގައި ދިރިއުޅެމުން އަންނަ ފަޔާ، 2018 ވަނަ އަހަރު ހއ. ދިއްދޫގައި ބޭއްވި އޭއެފްސީ (ސީ) ލައިސަންސް ކޯޗިން ކޯސް ފުރިހަމަ ކުރީ، ފުޓްބޯޅަ ކޯޗިންގައި ކުރިއަށް ދިއުމުގެ ޝަޢުޤުވެރިކަން އޮތްލެއް ބޮޑުކަމުންނެވެ. އެއަށްފަހު 2020 ވަނަ އަހަރު މާލޭގައި ބޭއްވި އޭއެފްސީ (ބީ) ލައިސެންސް ކޯޗިންކޯސް ފުރިހަމަކޮށް ދެ ކޯހުންވެސް ފާސްވެ ކޯޗިންގެ ލައިސަންސް ހޯދީ މި ދާއިރާއިން ޤައުމަށް ޚިދުމަތް ކޮށްދިނުމުގެ ބޭނުމުގައެވެ.

އަތޮޅު މުބާރާތްތަކުގައި ހިރިމަރަދޫ ފުޓްބޯޅަ ޓީމަށް އެތައް އަހަރަކު ކުޅުމަށް ފަހު މިހާރު އޭއެފްސީ (ސީ) ލައިސަންސް އަދި (ބީ) ލައިސަންސް ކޯޗިން ސެޓްފިކެޓް ހޯދުމުގެ އިތުރުން، ފަޔާވަނީ އެފްއޭއެމް އިން ކުރިއަށް ގެންދާ ބޭސިކް ފުޓްބޯޅަ ރެފްރީ ކޯސް ވެސް ފުރިހަމަ ކޮށްފައެވެ. މީގެއިތުރުން އެފްއޭއެމް އިން ކުރިއަށް ގެންދާ ގޯލް ކީޕަރ ޓްރެއިނިންގ ކޯސް ވެސް ފަޔާވަނީ ފުރިހަމަ ކޮށްފައެވެ.

ހއ. އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ގެ މަޤާމް އަދާކުރަމުން އަންނަ ފަޔާ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު ވެސް އަންނަނީ އެ ރަށުގައި އުފެދިފައިވާ އެކި ފުޓްބޯޅަ ޓީމްތަކަށް އިރުޝާދުދީ ފުޓްބޯޅައިގައި ރަށު ފެންވަރުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.

ފަޔާއަކީ އިހަވަންދޫގައި ކުޅިވަރުގެ ދާއިރާއިން ކުދިން ތަމްރީން ކުރުމާއި، ކުޅިވަރުގެ ދާއިރާއިން ކުދިންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން މި ދިޔަ އޮކްޓޯބަރ މަހުގެ ތެރޭ ރަޖިސްޓަރީ ކޮށްފައިވާ އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" ގެ އެއް މުއައްސިސެވެ. އަދި އެ އެކަޑަމީގައި ފުޓްބޯޅައިން ކުދިން ބިނާކުރުމުގެ މަސައްކަތުގެ އެންމެ އިސްފަރާތަކީ ވެސް ފަޔާއެވެ. ފާއިތުވި ތަނުގައި ވެސް ކުދިންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމުގެ ގޮތުން ފަޔާ ވަނީ ފުޓްބޯޅަ ކޭމްޕްތައް ބާއްވާފައެވެ.

އިހަވަންދޫގައި ކުރިއަށްދާ އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ އިޖްތިމާޢީ ގޮތުން ވެސް ނަމޫނާއެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ފަޔާއަކީ މިހާރު ވެސް އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ކާމިޔާބު ކަމާއިއެކު ހިންގަމުން އަންނަ ކުލަބް ޕޯލްސްޓާގެ ނައިބް ރައީސްއެވެ.

އަތޮޅު ފެންވަރުގެ އިތުރުން ޒޯން ފެންވަރުގައި ޓީމްތަކަށް ކޯޗުކޮށްދީ ކާމިޔާބީ ތަކެއް ހޯދުމަކީ ވެސް ފަޔާގެ އުންމީދެކެވެ. މީގެ އިތުރުން ޖޭ ސްޕޯޓްސް އެކަޑަމީން ރާއްޖޭގެ މަތީފަންތީގައި ފުޓްބޯޅަ ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން އުފެއްދުމަކީ ވެސް ފަޔާގެ އުންމީދެކެވެ.

ފުޓްބޯޅަ ކޯޗިންގެ ދާއިރާއިން ކުރިއަށް ގޮސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރަން ބޭނުން ނަމަވެސް ރާއްޖޭގެ ކުޅިވަރުގެ ކަންކަން މާލޭ ސަރަހައްދަށް ބަރޯސާ ވެފައި އޮތުމަކީ ފަޔާއަށް ވެސް އަދި މީގެއިތުރުން ފަޔާމެންފަދަ މި ދާއިރާއިން ކުރިއަށް ދާން ވިސްނާ ގިނަބަޔަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.