100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމެވި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހު ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވި ގޮތުގައި ޕީޖީ މިގޮތައް ނިންމެވި ނިންމުން ބިނާވަނީ ދެ ސަބަބެއްގެ މައްޗަށެވެ.
މިގޮތުން ފުރަތަމަ ސަބަބަކީ، ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނުމެވެ.
ދެވަނަ ސަބަބަކީ، މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެތީއެވެ.
100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 8 މީހަކު ބަންދަށް
މި މައްސަލާގައި ހައްޔަރު ކުރި އަނެއް 8 މީހުން މިހާރު ބަންދުކޮށްފައި ވާއިރު، ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދުނެވެ. އަދި ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ހޯދި 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!