އިންޑިއާގެ ޖީއެމްއާރު އަތުން ރާއްޖޭގެ މައި ވައިގެ ބަނދަރު އަތުލި މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވި އެއްޗަކާމެދު އިގްތިސޯދީ ނަޒަރަކުން ވިސްނައި، ފަހުމުވެލުން މުހިއްމުކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއީ) އަތުލުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓާއިގުޅިގެން ބައެއް ފަރާތްތަކުގެ، ޚާއްޞަކޮށް އިދިކޮޅުގެ ބަހުގެ ހަމަލާތައް މިނިސްޓަރު އަމީރަށާއި، އެމްޑީޕީއަށް ވަނީ އޮއްސާލާފައެވެ.
މިހެންކަން ހިނގާފައި ވަނިކޮށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރު އަމީރު ވިދާޅުވި ބަސްކޮޅު ސިޔާސީ ނަޒަރު އެއްކިބާކޮށް އިގުތިސޯދީ ނަޒަރަކުން ފަހުމުވެލުން މުހިންމު ކަމަށެވެ.
''ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ތޮއްޖެހުން އެއީ މިއަހަރު އަދި އަންނަ އަހަރުވެސް ފަތުރުވެރިކަަން އޮމާންކަމާއި އެކު ކުރިއެރުމަށް އޮތް މާސިންގާ ގޮންޖެހުމެއް" ޑރ. މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު @iameeru ވިދާޅުވި ބަސްކޮޅު ސިޔާސީ ނަޒަރު އެއްކިބާކޮށް އިގުތިސޯދީ ނަޒަރަކުން ފަހުމުވެލުން މުހިންމު.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ #ތޮއްޖެހުން އެއީ މިއަހަރު އަދި އަންނަ އަހަރުވެސް ފަތުރުވެރިކަަން އޮމާންކަމާއި އެކު ކުރިއެރުމަށް އޮތް މާސިންގާ ގޮންޖެހުމެއް!— Abdulla Mausoom (@Mausoom_Maus) October 18, 2021
މިނިސްޓަރު ޑރ. މައުސޫމް މި މޭރުމުން ވިދާޅުވިއިރު، ފިނޭންސް މިނިސްޓަރު އަމީރު ވަނީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ، މިހާތަނަށް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެޅުނު އެންމެ ބޮޑު ހުރަސްކަމަށް ވިދާޅުވެ، އެ އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށް ވިދާޅުވެފައެވެ.
އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަންކަމަށާއި މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވެފަވެއެވެ.
މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައިކަމަށް އަމީރު ވިދާޅުވެފަވެއެވެ.
"ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް، 7 އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން. ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް."
އަމީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރުކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!