މާކަނޑަށް ވެއްޓި "ކަނޑުވެއްޖެ ނަމަ"؟

Survive Falling Overboard ocean

މޫސުން ގޯސްވެ ފުލުފުލުގައި ސަމާލުގެ މެސެޖުތައް ނެރެމުން އަންނަ މިދުވަސްވަރުގައި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ކޮންމެވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާ އެއް ހިނގައިގެން އުޅޭތަނެވެ.

ތުއްތު ކުއްޖެއް އޭނާގެ މައިންބަފައިންނާ ވަކިވެ މާ ކަނޑުގެ ތެރެއަށް ގެއްލި ދިޔަ ހާދިސާއެވެ. އަދި އެ ކުއްޖާގެ ލޮބުވެތި މަންމަ، ކުއްޖާ ސަލާމާތްކުރަން އުޅުމުގެ ތެރޭގައި މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔަންޖެހުނު ހާދިސާއެވެ. ޒުވާނެއް މާ ކަނޑުގައި ފުރާނަ އަތްމައްޗަށް ލައިގެން އެކަނިމާއެކަނި، ބޯ ބިޔަ ރާޅުތަކާއި ދެ ގަޑިއިރުވަންދެން ހަނގުރާމަ ކުރި ހާދިސާއެވެ. ބޮޑެތި ދޯނިފަހަރު އަރި އަޅާލައި ކޮންޓެއިނަރުތައް ކަނޑަށް ވެއްޓުނު ހާދިސާތަކެވެ. ބޯވާ ނަގަންދިޔަ މީހެއް ކަނޑުވެ އޮޔާދަނިކޮން ސަލާމަތް ކުރުމާއި މަސްބާނަން ހުއްޓާ ވައިގަދަވެ މޫދައްވެއްޓި ނިޔާވި ހިތާމަވެރި ހާދިސާއެކެވެ.

މި އިން ކޮންމެ ހާދިސާ އަކީ ވެސް އަޅުގަނޑުމެން ސަލާމަތުން ތިބި ފަރާތްތައް އެ ކަމަކުން އިބުރަތް ހާސިލް ކުރަން ޖެހޭ ހާދިސާތަކެކެވެ. ރައްކާވެތިބިއްޔާ ދަތުރޭ މުސްކުޅިން ބުނެ އުޅެތެވެ. އަޅުގަނޑުމެންގެ ޓީވީތަކުންނާއި ރޭޑިއޯ އަދި ޚަބަރުތަކުން އަބަދުހެން އިލްތިމާސް އެކުރަނީ މޫސުން ގޯސްވެއްޖެނަމަ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށެވެ. ރައްކާތެރިކަމަށްޓަކައި ދަތުރުތައް މެދުކަނޑާލުމަށެވެ. އެހެނެއްކަމަކު، ބައެއް ކަހަލަ ދަތުރު ތަކަކީ ނުކޮށް ނުވާނޭ ދަތުރުތަކެވެ.

އަޅުގަނޑުގެ މިލިއުމުގައި އަލިއަޅުވާލާނީ މިފަދަ ހާދިސާއެއް މެދުވެރިވެ ކަނޑުމަތީ އެކަނިވެއްޖެ ހާލަތެއްގައި ކަންކުރަންވީ ގޮތަށެވެ. އެގޮތުން، މާ ކަނޑުގައި ބިޔަ ރާޅުތަކާއި ދެކޮޅަށް ދުއްވާފައި ދާ ދޯންޔަކުން ވެއްޓިއްޖެނަމަ ކަންކުރާނީ ކިހިނަކުން ކަން ބަލާލަމާ ހިނގާށެވެ.

ދުއްވާފައި ދާ ދޯންޔަކުން މާކަނޑަށް ވެއްޓިއްޖެނަމަ؟

ކަނޑުގައި ތިބާ ދަތުރުކުރަމުންދާ އުޅަނދުގައި ހުރެ ޖަހާލި ރާޅަކާއެކު ކަނޑަށް ވެއްޓިއްޖެ ހާލަތުގައި، ފުރަތަމަވެސް ދާނީ އަޑިއަށެވެ. ލޮނުގަނޑުގެ މަތިން ބޯހިއްލާލެވޭ ހިނދު، މަތީގައި އޮވެވޭ ތޯ މަސައްކަތް ކުރާށެވެ. ލައިގެން ހުރި ހެދުމާއި އަރައިގެން ހުރި ބޫޓު ފަދަ ތަކެތި އެ ހާލަތުގައި ބޮޑު ރޯލެއް އަދާކުރެތެވެ. އެ ތަކެތީގައި ބަންދުވެފައި ހުންނަ ވައިގެ ސަބަބުން ފެންމަތީގައި އޮތުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެންމެ މުހިންމުކަމަކަށް ތިބާ މާ ކަނޑުގެ ތެރެއަށް ވެއްޓޭހާލެއްގައި ވިސްނަންވާނީ އެވަގުުތުން ފެށިގެން ތިބާސަލާމަތްވުން އޮތީ އެވަގުތު ތަކުގައި ކަންކުރާނެ ގޮތެއްގެ މައްޗަށެވެ. ބިރުގަނެ ވާނުވާ ނޭންގޭވަރަށް ހާސްވެއްޖެ ނަމަ ކަންކަން ދާނީ ގޯސްކޮންނެވެ. އެހެންކަމުން ވީވަރަކުން ހަމަޖެހި އެހަނގުރާމައާއި ކުރިމަތިލާން އަޒުމު ކަނޑައަޅާށެވެ. ފުރާނަ ސަލާމަތް ކުރަން ހުރިހާ ހިތްވަރާއި ބުންވަރެއް ބޭނުން ކުރަން އިސްކަން ދޭށެވެ.

އެގޮތުން އެންމެ ފުރަތަމަ އެހާލަތުގައި، ދަތުރު ކުރަމުންދިޔަ ދޯންޏަށް އެކަން އެންގުމަށް މަސައްކަތް ކުރާށެވެ. ވެއްޓުނު މަންޒަރު ނުފެންނަ ކަމުގައި ވަނީ ނަމަ، ދޯނިން ދަތުރުކުރާ ފަރާތްތަކަށް ތިބާ މަދުވިކަމެއް ފާހަގައެއް ނުކުރެވޭނެއެވެ. އެހެންކަމުން، ކަނޑުވާ ވަގުތު، ގައިގައި ހުރި ބާރެއްލާ ހަޅޭއްލަވާށެވެ. ލައިފް ޖެކެޓް އަޅައިން ހުރިނަމަ އޭގައި އިންނަ ދުންމާރި ފުންމާށެވެ. އެހެނީ އެންމެ މީހަކަށްވެސް ތިބާ ކަނޑުވެ އޮތްތަން ފެނިއްޖެ ނަމަ ދޯނި ތިބާގެ ސަލާމަތަށްޓަކައި އަންނާނެއެވެ.

އުފެދޭނެ ސުވާލަކީ، ދޯންޏަށް ތިބާ ކަނޑުގައި ކުރަމުންދިޔަ ތަކުލީފު ނުފެނި ލޮލުކޮޅުން ގެއްލި، ބިޔަ މާކަނޑުގައި ތިބާ އެކަނިވެއްޖެ ހާލު ކަންކުރާނީ ކިހިނަކުން ތޯއެވެ؟

މާކަނޑުގައި އެކަނި؟

ތިބާ ކަނޑުވާ ހާލު ތިބާގެ އަތުގައި އޮންނަ އެއްޗެއް، ތިބާގެ ސަލާމަތުގައި ބޮޑު ރޯލެއް އަދާކުރާނެއެވެ. އެއީ ފެންމަތީގައި އޮތުމުގެ ބާރު ގަދަވުން އޮތީ އެފަދަ އެއްޗެއްގެ އެހީގައެވެ. ދޯންޏެއް ބަންޑުން ޖަހާލާ ހާލަތުގައި އޭގައި ސަލާމަތީ ބޯޓެއް ނުވަތަ ޑިންގީ އެއް އޮތްނަމަ، އޭތި އިޚްތިޔާރު ކުރާށެވެ. އެހެންނޫންނަމަ، ހިފެހެއްޓޭނެ ކޮންމެވެސް އެއްޗެއް އިޚްތިޔާރު ކުރާށެވެ. ނޫންނަމަ، ހަށިގަނޑުގެ އެތެރެއަށް ނޭވާލުމަށް ފަހު، މޫނު މައްޗަށް ވާހެން ފެނުން މަތީގައި ހަށިގަނޑުދަމާލުމަށްފަހު ވަރުބަލި ފިލުވާލެވޭނެއެވެ. މަތިން އޮޔާދާ އެއްޗެއް ފެނިއްޖެ ނަމަ އެއްޗެއް އަތުޖެއްސުމަށް މަސައްކަތް ކުރާށެވެ.

ބޯޓު ނުވަތަ ދޯނި ބޭނުން ނުކުރެވޭ ގޮތަށް އަރިއަޅާލައިފައި އޮތްނަމަވެސް، އޭގައި ހިފަހައްޓައިން އޮވެވޭނަމަ އެގޮތަށް ކަންކުރާށެވެ. އެހެނީ، ތިބާގެ އަމިއްލަ ބާރުގައި އޮތުމަށްވުރެ އެހެން އެއްޗެއްގެ އެހީގައި އޮތުމުން ތިބާ ގައިން ދާ ހަކަތަ މަދުވާނެތެވެ.

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތައްޔާރުވުން!

ތިބާގެ ހިތްވަރު ގަދަވާން ޖެހޭނެއެވެ. ކަނޑުވާ ހާލު އުންމީދު ކަނޑާނުލާށެވެ. އުޑުތަކާއި ބިންތައް އަދި އެދެމެދުގައި ވާހައި ތަކެއްޗެ ހެއްދެވި މާތް ރަސްކަލާންގެއަށް އަށް ވަކީލުކޮށް އެންމެ ފަހުނޭވަޔާ ޖެހެންދެން ހިތްވަރު ކުރަންވާނެއެވެ. ދުޢާ މަތީ ދެމިހުންނާށެވެ. އެހެނީ، ވިސްނުން ރަނގަޅަށް ބަހައްޓައި ހިތްވަރުކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ކެއުމާއި ބުއިމަށް ވުރެ މުހިންމު ކަމެކެވެ.

ފަހުން ދިމާވެދާނެ ކަމަށް ހިތްވަރާއި ބުންވަރު ބެހެއްޓުން މުހިންމެވެ. ހާސްވެ ކަންބޮޑުވެ ހުރިހާ ބުންވަރެއް އެއްފަހަރާ ދުއްވާ ނުލާށެވެ. އެކަނިމާ އެކަނި މާކަނޑުގައި ހޭދަކުރަން ޖެހޭނީ ކިތައްދުވަސްކަމެއްވެސް ނޭންގޭ ހާލަތުގައި ވިސްނުންގެންގުޅޭށެވެ. ކޮންމެ ފަދަ ހާލަތެއް ދިމާވިޔަސް ކެރިގެން ކަންކަމާއި ކުރިމަތިލާނެ ހަނގުރާމަ ކުރާނެ މީހެއްކަމުގައި ގަބޫލުކުރާށެވެ. އާއިލާ މީހުންނާއި ދަރިން ކަނބޮޑުވާނެ ވަރު ވިސްނާ އެކަމާއި ހިތާމަކުރުމަށްވުރެއް އެމީހުން އަލުން ފެނުމަށް އެދި ހިތްވަރު އެލުވާ ނުލާށޭވެ. ނެގެޓިވް ވިސްނުންތައް ދުރުކޮށް ޕޮޒިޓިވް ވިސްނުންތައް ގެނެސް އުފާވާކަންކަމާއި މެދު ވިސްނާ އުންމީދު އާލާކުރާށޭވެ. އަބަދުވެސް ދުޢާ ދަންނަވާށޭވެ. ދުޢާ އިޖާބަ ކުރައްވާނެކަމާއި މެދު ޔަޤީންކޮށް ކަށަވަރުކުރާ ހާލުގައެވެ.

މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އޮންނައިރު، މާބޮޑަށް ފިނިވާނަމަ 'ހައިޕަރތާމިއާ' އާއި ކުރިމަތިލުމާ ގާތެވެ. އެއީ ހަށިގަނޑު މާގަދަޔަށް ފިނިވުމުން ދިމާވާ ކަމެކެވެ. މި ކަމުން ރައްކާތެރިވުމުގެ ގޮތުން، ތިބާގެ ދެކަކޫ ގެނެސް މެއާއި ކާރިކޮށް ހިފަހައްޓާލާށެވެ. ސިއްހީ ލިއުންތަކުގައި ބުނާގޮތުން އެކަމުގެ ސަބަބުން ހަށިގަނޑުން ފިނިވުމުން ރައްކާތެރިކޮށްދެއެވެ.

މީގެ އިތުރުން، ކަނޑުގައި އޮންނަ ވަގުތު ލޮނުފެން ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވެއެވެ. ކޮންމެވެސް ގޮތަކުން ވާރޭ ފެން ހޯދޭނަމަ ވާރޭ ވެހޭ ވަގުތު އެފެން އިޚްތިޔާރުކުރާށެވެ. މާތްﷲ ގެ ރަޙްމަތުން ވާރޭ ވެހިއްޖެ ނަމަ، ލައިގެން ހުންނަ ހެދުން ދެންމައި އެފެލައިގެންވެސް ފެން ނެގިދާނެއެވެ.

ސަލާމަތުގެ އައްސޭރިއެއް ހޯދަން މަސައްކަތް ފެށުން!

ކަނޑުގައި އޮންނަ ހާލަތަށް ތިބާ ހޭނުމުން ދެން އަވަހަށް ސަލާމަތްވާން މަސައްކަތް ފަށާށެވެ. އަޅި ކުލައިން ނުވަތަ އެނޫންވެސް ގޮތުން އިރުގެ އަލި ރިފްލެކްޓްވާ ފަދަ އެއްޗެއް އޮތްނަމަ އެ ބޭނުން ކުރާށެވެ. އަދި އިރުއޮއްސޭ ވަގުތު ދޫނި ފަދަ ތަކެތި އުދުހޭ ތަން ފެންނަމަ، އިތުރު ހިތްވަރެއްލާ އެދިމާލަކަށް ފަތާށެވެ. އެހެނީ އެ ދޫނިތައް އެދަނީ އިރުއޮއްސުމުން ހިކިފަސްގަނޑަކާއި ދިމާލަށެވެ. ނޫންނަމަ، އިރުއޮއްސޭ ދިމާ ބެލުމަށްފަހު، ނެވިގޭޝަން އުކުޅެއްގެ ގޮތުގައި އެކަން ބޭނުންކުރާށެވެ. އިރުއޮއްސޭނީ ހުޅަނގުފަރާތަށެވެ. އަދި ކަނޑުގައި އޮންނަ ވަގުތު ތިބާއަށް ތަންތަން ބަލަން އުނދަގޫނަމަ، ރާޅު ބިންދާ އަޑު އިވޭތޯ ކަނުލާ އަހާށެވެ. އިރާދަކުރެއްވިއްޔާ ތިބާ އެނބުރި ހިކިފަސްގަނޑަކަށް އާދެވޭނެތެވެ.

މިފަދަ ކިތަންމެހާވެސް ކަމެއް އަޅުގަނޑުމެންނަށް ކުރެވިދާނެއެވެ. އެހެނަސް، އެންމެ ރައްކާތެރިގޮތަކީ، ކުރިއާލާ ތިބާ އިޚްތިޔާރުކުރާ ރައްކާތެރިކަމެވެ. ކޮންމެހެން ކުރަން ޖެހިގެން ނޫނީ މިފަދަ މޫސުމެއްގައި ދަތުރު ނުކުރުމެވެ. އަދި ދަތުރު ކުރާނަމަ ލައިފް ޖެކެޓް އަޅައިގެން ދަތުރުކުރުމެވެ. އަދި ދަތުރު ކުރާ ހާލު، ދަތުރު ދުޢާ ކިއުން ފަދަ ކަންކަން ކުރުން އާދަކުރާށެވެ. ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ.

އަޅުގަނޑުގެ މި ލިއުމަކީ ބޭރުގެ ގައުމަކުން ތައްޔާރުކޮށްފައިވާ 'ވަޓް އިފް' ނަމަކަށް ކިޔާ ޝޯ އިން ގެނެސްދޭ 'ހައު ޓު ސަވައިވް' ސެގްމެންޓުގައި އައިސްފައިވާ މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިއުމެކެވެ.

ދުޢާ އަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ މޫސުން ރަނގަޅުވެ، ކަނޑުދަތުރުފަތުރު ކުރުމުގައި އަޅުގަނޑުމެންނަށް ރައްކާތެރިކަން ދެއްވާ، ކަނޑުވެ މިދުނިޔެ ދޫކޮށްފައިވާ އަޚުންނާއި އުޚުތުންނަށް ޝަހީދެއްގެ ލަޤަބް ދެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުން އަދި މާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ގެއްލިފައިވާ އެ ތުއްތު ކުއްޖާ ހެޔޮހާލުގައި ފެނުން. އާމީން.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ރަނގަޅު ލިޔުމެއް،، މިކަހަލަ އޮއްޓަރުހެޔޮ ލިޔުންތައް ކިޔަން ލިބޭނަމަ މުޖުތަމަޢުން ޖާހިލުކަން ނެތިގޮސް މީހުން ހޭލުންތެރިިިވާނެ!ޝުކުރިއްޔާ!!

ހިޔާލު ދެއްވާ!

Your email address will not be published.