ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ ޝިޕްޔާރޑް ކުންފުނިނ ރާއްޖޭގެ ކަނޑު އުޅަނދު ފަހަރު ބަނުމުގެ ސިނާއަތުގެ 85 އިންސައްތަ ހޯދާފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
މަޝްހޫރު ފޯބްސް މެގަޒިން އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަދައްކަވަމުން، ގަލްފް ކްރާފްޓްގެ ސީއީއޯ ޠަލާލް ނަޞްރުﷲ ވިދާޅުވީ ރާއްޖެ އަކީ އަބަދުވެސް އެ ކުންފުނީގެ ހިތްތަކާއި ގާތް ގުޅުމެއް އޮންނަ ގައުމެއްކަމަށެވެ. އެގޮތުން، ރާއްޖޭގައި އެ ކުންފުނީގެ %85 މާކެޓު އޮންނަ ކަން ފާހަގަކުރެއްވި އެވެ.
މިއިންޓަރ ވިއުގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ، ގަލްފް ކްރާފްޓްގެ އިތުރު ފެކްޓްރީ އެއް ރާއްޖޭގައި އަޅަން އެ ކުންފުނިން ނިންމާފައިވާކަމަށެވެ.
ގަލްފް ކްރާފްޓް މޯލްޑިވްސްގެ ނަމުގައި ހިންގައި ފެކްޓްރީ އެއް މިހާރު ތިލަފުށީގައި ހުރެއެވެ. ގަލްފް ކްރާފްޓް އަކީ ދޯނި އަދި ލަގްޒަރީ ޔޮޓު ފަދަ ތަކެތި އުފެއްދުމުގައި ދުނިޔޭގެ މާރކެޓު ލީޑު ކުރާ އެއް ކުންފުންޏެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު 20 އަހަރު ވެއްޖެ އެވެ. އެގޮތުން ރާއްޖޭގައި 1700 އާއި ގާތްކުރާ އަދަދަކަށް ގަލްފް ކްރާފްޓްގެ ބޯޓު މިހާރު ވަނީ ވިއްކާފައިކަމަށް ސީއީއޯ ޠަލާލް ނަޞްރުﷲ ވިދާޅުވެފައިވެއެވެ. އަދި އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގައި ދޭ ޚިދުމަތްތައް ފުޅާ ކޮށް އެ ކުންފުނި އިތުރަށް ވަރުގަދަ ކުރުން ކަމުގައިވެސް ޠަލާލް ވިދާޅުވި އެވެ.
" ރާއްޖެ އަކީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ހަބް އެއް. ވަރަށް ފަހުން އިއުލާނު ކޮށްފިން އެތާ އަދި އެއް ފެކްޓްރީ އަޅަން."
ފޯރބްޒް މެގަޒިން އާއި ވާހަކަދައްކަވަމުން ޠަލާލް ވިދާޅުވި އެވެ.
އަދި ފަހަކަށް އައިސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު އިތުރުވާ ކަމަށާއި އަދި ރާއްޖޭގައި މަޑުކުރާ ދުވަސް ތައް އިތުރުކަން ފާހަގަކުރައްވާ ޠަލާލް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔާފާރިތަކަށްވެސް ބަދަލު އަންނަ ކަމަށެވެ.
މީގެ އިތުރުން، ރާޢްޖެ އަންނަ ޔޮޓުތައް އިތުރު ވަމުން އަންނަކަމަށާއި އެތަކެތީގެ ސައިޒުތައްވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ޠަލާލް ފާހަގަކުރެއްވި އެވެ.
އަދި މިފަދަ ސަބަބުތަކަށްޓަކާއި ރާއްޖޭގައި އެ ކުންފުންޔަށް ލިބެން ހުރި ފުރުސަތުތައް ހޯދާނެ ކަމަށް ޠަލާލް ވިދާޅުވި އެވެ.
ރާއްޖޭގެ ގަލްފް ކްރާފްޓް ކުންފުނިން މިހާރު ދަތުރުފަތުރު ކުރުމަށްޓަކައި ކުދި ލޯންްޗު ފަހަރުވެސް އުފައްދަމުން އަންނަކަން ފާހަގަކުރައްވާ ޠަލާލް ވިދާޅުވީ އެ ކުންފުނި ރާއްޖޭގައި ފުޅާކުރާނެ ގޮތްތައް މިހާރު އަންނަނީ ހޯދަމުން ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އެކުންފުނިން ވަނީ ރާއްޖޭގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ނިންމާފައިވާކަން އިޢުލާންކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، މާލެ އަތޮޅު ސެންތާރާ ކައިރީގައިވާ ފަޅެއް ހިއްކައިގެން ތަރައްގީ ކުރާ މި މަޝްރޫއުގެ ދަށުން ހަތަރު ރިސޯޓު ހިމެނޭހެން އަށް ރަށެއް ހިއްކާނެއެވެ.
މި މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއްވެސް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާނެއެވެ. އަދި ސަފާރީތަކާއި ޔޮޓުތަކަށް ހާއްސަ ބަނދަރެއް ހަދާއިރު ޒުވާނުންނަށް ތަމްރީނުތައް ދޭނެ ސެންޓަރެއްވެސް ގާއިމު ކުރެވިގެންދާނެއެވެ.
ގަލްފް ކްރާފްޓަކީ 1982 ވަނަ އަހަރުން ފެށިގެން ކަނޑުއުޅަނދު ފަހަރު ބަނުމުގައި ހަރަކާތްތެރިވަމުން އަންނަ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!