ކާށިދޫ ކަނޑަށް ވެއްޓިގެން ހޯދަމުންދިޔަ ޒުވާނާ ފަތާފައި ކާށިދޫއަށް އެރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ފިރިހެނަކު ކާށިދޫ ކަނޑަށް ވެއްޓިފައިވާކަމަށެވެ.

Ad
rt

"އެމީހާގެ ހާލު ރަނގަޅު، އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި"

ނޫސްތަކަށް މަޢުލޫމާތުދެމުން ފުލުހުން ވިދާޅުވެފައިވެއެވެ.

އެޒުވާނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ސުވާލެއް ކުރުމަށްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ސިއްހީމަރުކަޒަށް ގޮސްފައިވެއެވެ. ފަރުމައްޗަށް އެރިއިރު ފައިގެ ދަށްފުއް މަށައިގެން ދިއުން ފިޔަވާ އިތުރު ބޮޑު ހާނިކައެއް އޭނާއަށް ނުވާކަމަށް މަޢުލޫމާތު ލިބިފައިއެވެ.

އެމީހާ ކަނޑަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:00 ގައެވެ. މިޒުވާނާ އަކީ ކާށިދޫއަށް އުފަން އިބްރާހިމް ލީވާން އެވެ. އޭނާ ކާށިދޫ ކަނޑުގައި ގާތްގަނޑަކަށް 2 ގަޑިއިރެއްހާއިރު ހޭދަކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްއިން ގަޑިއެއްހާއިރު ކުރިން ވިދާޅުވީ އެޒުވާނާ ކަނޑަށް ވެއްޓިފައިވަނީ ކާށިދޫ އާއި 6 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

"އެމީހާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓް އަކާއި އަޅި ކުލައިގެން ޓްރެކްސުއިޓެއް"

އެމްއެންޑީއެފްއިން ނޫސްތަކަށް މަޢުލޫމާތުދެމުން ވިދާޅުވެފައިވެއެވެ.

މިހާދިސާގެ އިތުރުން މިއަދުވަނީ ކަނޑުމަތީގެ އިތުރު ދެހާދިސާއެއްވެސް ހިނގާފަ އެވެ. އެކަނި ބޯވަ ނަގަން ގޮސް އުޅުނު ދިވެއްސެއް ވާދޫ ކަނޑުން އޮޔާދަނިކޮށްވަނީ ސަލާމަތްކޮށްފަ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެމީހާ ސަލާމަތްކުރީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމުގައެވެ.

މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަން ތިބި 2 މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓި ނިޔާވެފަ އެވެ. މިހާދިސާގައި މޫދަށް ވެއްޓުނު މީހާ ވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުން ނަގާ، ސީޕީއާރ ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ގެންގޮސްފައެވެ.

"ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެކެވެ. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަން"

އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ދަންނަވާފައެވެ.