ބޮލުގައި “ބޮޑު ދަރަންޏެއް” އަޅައިގެން އުޅޭނަމަ މިވާހަކަ ކިޔާލާށެވެ. މިންޖުވާން އެދި ދުޢާ ކުރާށެވެ.

DD03E1B8-F5A8-454B-B6D5-C6B0DBE16ACD

ބޮލުގައި “ބޮޑު ދަރަންޏެއް” އަޅައިގެން އުޅޭނަމަ ފަރާތްތަކާއި ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ވަނުމަށް ވިސްނަމުން ދާނަމަ އަހަރެނަގެ ހަޔާތުން ސަފްހާއެއް ކިޔާލާށެވެ. މިއީ އިބުރަތަކައް އަދި ނަސޭހަތަކަށް ޓަކައި ހިއްސާ ކޮށްލާވާހަކަ އެކެވެ.

އަހަރެންނަށަ ދިމާވި ހާލަތެއްގެ ސަބަބުން ބޮޑު ދަރަންޏެއް ބޮލުގައި އަޅަން ޖެހުނެވެ. އަހަރެންނަށް ލިބޭ އާމްދަނީ އާއި އަޅާބަލާއިރު އެއީ ދެތިން ހަތަރު އަހަރަކުން ނޫނީ ދައްކާ ނިންމާލެވޭ ވަރުގެ ދަރަންޏެއް ނޫނެވެ.

އެހެންކަމުން އެވަރުގެ ދަރަންޏެއް ބޮލުއަޅައިގެން އުޅެންޖެހުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. ހާލަތުގެ ގޮތުން ދަރަނި ނެގުން ހުއްދަވިޔަސް ގިނަދުވަސްތަކެއްވަންދެން ދައްކަންޖެހޭ ދަރަންޏެއް އޮތުން އެއީ ދީނީގޮތުންވެސް ވަރަށް ނޭދެވޭ ކަމަކަށް ވުމީ މި އުނދަގޫ އިތުރުވި ސަބަބަކަށެވެ.

އެހެންކަމާއި އެކު މިކަމާ ވަރަށް ފިކުރު ކުރެވެން ފަށައިފިއެވެ. އަދި އަވަހައް މި ދަރަނިން ސަލާމަތް ވެވެން އޮތް ގޮތަކީ ކޮބައިތޯ ވަރަށް ބޮޑަށް ވިސްނެން ފަށައިފިއެވެ. މިގޮތުން އަހަންނަށް ވިސްނުނީ މުއުމިނުންގެ ހަތިޔާރު ކަމުގައިވާ ދުޢާ އަށްވުރެ ވަކިން ރަނގަޅު ގޮތެއް ނޯންނާނެ ކަމުގައެވެ.

ސަބަބުތައް ކަމުގައި ކޮންމެސް ފަރާތެއް ނުވަތަ ކޮންމެސް ކަމެއް މެދުވެރިވި ނަމަވެސް ކަންކަން ހިންމަވާ ނިންމަވާ ފަރާތަކީ ﷲ ތަޢާލާ އަށް ވުމުން ކަންކަމަށް އެދި ދެންނެވުން އެންމެ އައުލާވެގެންވަނީ އެފަރާތަށެވެ. މިގޮތުން ހޯދި ހޯދުމުގެ ތެރޭގައި ސުންނަތުން ސާބިތުވާ ވަރަށް ރަނގަޅު ދުޢާއެއް ފޭސްބުކް ގައި އަލީ ރަމީޒް ހިއްސާ ކޮށްފައި ވަނިކޮން ފެނުނެވެ. (އަލީ ރަމީޒު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ އަގު ފުރިހަމައަށް ﷲތަޢާލާ އާޚިރަތުގައި އަލީއަށް މިންވަރު ކޮށްދެއްވާށި..! އާމީން)

އާދެ އެ ދުޢާ އަކީ..

"اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ "

އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިބަ ﷲ ޙަލާލް ކުރެއްވި ތަކެތީގެ ޒަރިއްޔާއިން އިބަ ﷲޙަރާމް ކުރެއްވި ތަކެތިން (މިއަޅާ ދުރުކުރައްވައި) މިއަޅާ ފުދުންތެރި ކުރައްވާނދޭވެ. އަދި އިބަ ﷲގެ ފަޟުލުވަންތަވެރިކަމުގެ ޒަރިއްޔާއިން އިބަ ﷲފިޔަވާ އެހެން ފަރާތަކުން (އެދުމުން) މިއަޅާ ފުދުންތެރި ކުރައްވާނދޭވެ."

އާދެ! މިދުޢާ ހިތުދަސްކޮށް ކިޔުން ގިނަކުރީމެވެ. ހާއްސަކޮން ނަމާދު ތަކުގެ ސަޖިދައިގައެވެ. ﷲ ގަންދީ ބުނަމެވެ. މިގޮތުގައި ސާބުވިތާ އަހަރު ދުވަހުގެ ތެރޭގައި އެބޮޑު ދަރަނިން الحمدالله އަހަރެން މިވަނީ ސަލާމަތްވެފައެވެ. އެދަރަނިން ސަލާމަތްވުމައް މެދުވެރިވި ސަބަބުތައް ވެސް ކިއުއްވާށެވެ.

އަހަރެންގެ އަންހެނުންގެ ތިމާގެ މީހެއްގެ ވިޔަފާރިއަށް ވަރަށްބޮޑު މަންފާއެއް ލިބުނެވެ. އެމަންފާއިން އާއިލާ އެންމެނަށް ސަދަޤާތް ކުރިއެވެ. (ﷲ އޭނާގެ ވިޔަފާރީގައި ބަރަކާތް ލައްވާ އެންމެހާ ހެޔޮގޮތް މިންވަރު ކުރައްވާށި.. އާމީން) މި ސަދަޤާތް އަހަރުމެންނަށްވެސް ލިބުނެވެ. ނަމަވެސް ހައިރާންވާފަދަ ގޮތަކަށެވެ. އެކައުންޓް ނަމްބަރު ދޭން އެދުމުން އަހަރުމެން ވިސްނައިގެން ތިބީ ދެތިން ހަތަރު ހާސްވަރުގެ ސަދަޤާތެއް ދެއްވަނީ ކަމަށެވެ. ނަމަވެސް ޙައިރާންވީ އާންމުކޮން މީހަކު ހަދިޔާ އަކަށް ނުވަތަ ސަދަޤާތަކަށް ދޭ ވަރަށްވުރެ އެތައްގުނައެއް އިތުރަށް ޖަމާކުރުމުންނެވެ. އާންމުކޮން މީހަކު ހަދިޔާއެއް ނުވަތަ ސަދަޤާތެއް ގޮތުގައި ދީފިނަމަ ހަމަ ހައިރާން ވާ ވަރުގެ އަދަދެއް ވަނީ އެކައުންޓަށް ޖަމާކޮށްދީފައެވެ.

މިގޮތުން ﷲ ތަޢާލާ މިވަނީ އަހަރެމެންގެ ތަކުލީފަށް ލުޔެއް ލިބޭވަރުގެ ބޮޑު އަދަދެއް ދިނުމުގެ ސަބަބެއްކަމުގައި އޭނާ ލައްވާފައެވެ. الحمدالله..

ހަމަ މިއާއި އެކު އަހަރެންނަށް ލިބޭނެކަމަށް ބުނެ ނަމަވެސް ނުލިބި އެތައް ދުވަހަކަށް ދިގުދެމިގެން ގޮސްފައިވާ ކޮވިޑް އެލަވަންވެސް މިދުވަސްވަރު ލިބިއްޖެއެވެ. އެއާއިއެކު ފަސޭހަކަމާއި އެކު އަހަރެންހެ ބޮލުގައި އަޅައިގެން އުޅުނު ދަރަނިން މިންޖުވެވިއްޖެއެވެ.

ﷲ ގަންދީ ބުނަމެވެ. މި ދަރަނިން ސަލާމަތް ވުމަށް ނުވަތަ މި އުނދަގޫ ދަނޑިވަޅުން އަރައިގަތުމަށް، އެއްވެސް މީހެއްގެ އަތުން ސަލާންޖަހައި ލާރި ހޯދަން އެއްވެސް ކަމެއް ކޮށްފައި ނުވާނެއެވެ. ހަމައެކަނި ކާއިނާތުގެ ވެރި ރައްބުގެ އަރިހުން މަދަދައް އެދި ދުޢާ ކުރުން ފިޔަވާ އެއްވެސް ކަމެއް ނުކުރަމެވެ. ނަމަވެސް މިކަމުގައި އަހަރެންނަށަ އެހެން މީހެއްގެ ފަރާތުންވެސް އެހީތެރިކަން ލިބިފައި ވެއެވެ. (ﷲ އޭނާއަށް އެންމެހާ ރަނގަޅު މަގަށް މަގު ދައްކަވާ ހެޔޮގޮތް މިންވަރު ކުރައްވާށި.. އާމީން)

މިވާހަކަ ތިބޭފުޅުންނާއި ހިއްސާ ކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ހިޔާފްލެޓް މަރާމާތަށް ވަރަށް ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން ލޯނު ނަގާ ދަރަނިވެރި ވަމުން ދާއިރު، ހަލާލެއް ޙަރާމެއް ބެލުމެއްނެތި ދުނިޔަވީ އުފަލާއި އަރާމަށް ޓަކައި ތިބާގެ ރައްބުގެ ބަސްފުޅަށްވެސް ވިސްނާލާނެ ފުރުސަތެއްވެސް ސައިތާނާ މިބައިމީހުންނަށް ނުދީ ވާވައްދަން މަސައްކަތް ކުރަމުން ދާތީ ހަނދާން ކޮށްދިނުމެވެ. އަދި ނެގިފައި ވާ ދަރަނިން މިންޖުވާން އޮތް އެންމެ މުޖައްރިބު ފޯމިއުލާ ތިޔަބޭފުޅުންނާ ހިއްސާ ކޮށްލުމެވެ.

އެކަލާން ވަޢުދު ފުޅާ ޚިލާފު ވެ ވޮޑިނުގަަންނަވާނެއެވެ. އިޚްލާސްތެރި ކަމާއި އެކު ސާބިތުވެ ލައްވާށެވެ .ތިބާގެ މުޚްތާދުތަކަކީ އެކަލާންގެ ވަޢުދު ފުޅު ހައްޤު ވެގެންވާ ކަމެކެވެ.

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ

އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
سوره البقره ١٨٦

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.