ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ އާއި ނުލައި އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ނިންމުމަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

Ad
rt

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެގައުމުގެ ދެމެދުގައި 2018 ވަނަ އަހަރު އެކުލަވާލާފައިވާ ވިސާ އެގްރިމެންޓަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑާލީ ކޯވިޑް-19ގެ ސަބަބުން ކަމަށެވެ. ނަމަވެސް އަލުން އަމަލު ކުރަން އިންޑިއާއިން ނިންމާފައިވާތީ އުފާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެގްރިމެންޓުގެ ދަށުން ސިއްހީ ފަރުވާއަށާއި ވިޔަފާރީގެ ބޭނުމުގައި އަދި ފަތުރުވެރިންގެ ގޮތުގައި ވިސާއާ ނުލައި 90 ދުވަހަށް ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭނެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ، މިހާރު ދިވެހިން އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ މެޑިކަލް ވިސާ ނުޖަހައި، ބޭސް ފަރުވާއަށާއި، ފަތުރުވެރިންގެ ގޮތުގައި އިންޑިއާއަށް ދާ ދިވެހިންގެ އިތުރުން ވިޔަފާރިކުރުމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ދަތުރުކުރެވޭނެކަމަށް ބުނެފައެވެ.

2020 ވަނަ އަހަރުގެ މާރޗްމަހު އިންޑިއާގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ދިވެހިންނަށްވެސް އިންޑިއާއަށް އެރުމަށް މެޑިކަލް ވިސާ ބޭނުންވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން އިންޑިއާއިން އަންނަނީ ހަމައެކަނި ބޭސް ފަރުވާއަށް އިންޑިއާއަށް ކޮންމެހެން ދަތުރުކުރަން ޖެހޭ މީހުންނަށް މެޑިކަލް ވިސާއެއް ދެމުންނެވެ. އިންޑިއާއަށް ދިއުމަށް ފާއިތުވި 4 މަސްދުވަހު ދިވެހިންނަށް ވިސާ ހޯދުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަކޮށް އިންޑިއަން ހައިމިކޮޝަނުންވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ މި ނިންމުމާއެކު އިންޑިއާއަށް ވިސާއާއި ނުލައި އެތެރެވުމަށް ހުއްދަދިން ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެގެންދާނެއެވެ.

ވިސާ ލިބުމުގައި ދަތިތަކަށް ހުރުމުން ގިނަ ބަޔެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.