ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ދިވެހިރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގަ އެވެ.
މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެއާއެކު ރައީސްގެ ދެކަނބަލުން ވަނީ ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ.
މީގެ އިތުރުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ އދ ގެ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު ކޮށްދެއްވި ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.
މި ދަތުރުފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް، ވަނީ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ބައްލަވާލައްވާފައެވެ.
އ.ދ.ގެ ޢާންމު ރައީސަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!