ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 އާލަމީ ވަބާއާއި ގުޅިގެން ދުނިޔޭގެ ނިސްބަތުން ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުންގެ އަދަދު 25 އިންސައްތަ އިތުރުވެފައިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މިއަދަކީ ބައިނައްލަޤްވާމީ ގޮތުން ފާހަގަކުރާ "ވޯރލްޑް މެންޓަލް ހެލްތް ޑޭ" އެވެ. ނަފްސާނީ ބަލިތަކާއި ބެހޭ ދުވަސް މުޅި ދުނިޔޭގައި މިއަދު ފާހަގަކުރަމުން އަންނަ އިރު މިއަހަރުގެ ޝީއާރަކީ "ލެޓްސް މޭކް އިޓް އަ ރިއަލިޓީ"، (ނަފްސާނީ ބައްޔަކީ ޙަޤީޤަތަކަށް ހަދަމާ) އެވެ.
ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ ގޮތުން އެންމެނަށްވެސް އެތައް އަސަރެއް ކުރިކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ހާމަކޮށްފައިވާ ގޮތުގައި، ކޯވިޑާ ގުޅިގެން އެންމެ ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ފަރާތްތަކަކީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކިޔަވާ ކުދިންނާއި، އެކަނި ދިރިއުޅެމުން އަންނަ މީހުންނާއި އަދި ކުރިންވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އައިސްފައިވާ މީހުންނެވެ.
ޔުނިވާސިޓީ އޮފް ކުއީންސްލޭންޑް އިން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުންނަމަ ކޯވިޑް 19 އާއި ގުޅިގެން 2020 ވަނަ އަހަރު ނަފްސާނީ ބަލިތައް 25 އިންސައްތަ އިތުރުވެފައިވާކަމަށް ދައްކައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި 25 އަހަރުން މަތީ އުމުރުގެ މީހުންކަން ފާހަގަކޮށްފައިވެއެވެ.
ކުއީންސްލޭންޑް ޔުނިވާސިޓީގެ ދިރާސާ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. ޑޭމިއަން ސަންތަމައުރޯ ވިދާޅުވެފައިވާ ގޮތުގައި، އެ ޔުނިވާސިޓީއިން ހަދާފައިވާ ދިރާސާ ދައްކާ ގޮތުންނަމަ، ދުނިޔޭގައި ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުން އަންނަ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ދިނުން މުހިއްމުކަން ފާހަގަކޮށް، ނަފްސާނީ ބަލިތައްކަމަށްވާ ޑިޕްރެޝަން އަދި އެންޒައިޓީ ހުންނަ މީހުންގެ ނިސްބަތް އިތުރުވެފައިވާކަމަށް ދައްކާކަމަށް ވިދާޅުވެފައިވެއެވެ.
ހުރިހާ ޤައުމުތަކަކުންވެސް ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާއާއި މެދު ފަރުވާ ކުޑަ ކުރެވިފައިވާކަން ފާހަގަކޮށް ޑރ. ޑޭމިއަން ވިދާޅުވެފައިވަނީ ކޯވިޑް-19 ގުޅިގެން ނަފްސާނީ ބަލިތަކަށް ދެވޭ އަހައްމިއްޔަތުކަމަކީ ވެސް ވާދަވެރި ކަމަކަށްވެގެންދާނެކަމަށެވެ.
ކުއީންސްލޭންޑް ޔުނިވަރސިޓީގެ 48 ދަރިވަރުން ބައިވެރިވެގެން ކޮށްފައިވާ ދިރާސާއަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހާއި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާ ބަލާއިރު، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 53 މިލިއަނަށް އަރާފައިވާކަމަށް ދައްކައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އައިސްފައިވާ މީހުންގެ ނިސްބަތް ވަނީ 27 އިންސައްތަ އިތުރުވެފައިކަމަށް ދައްކައެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 53 މިލިއަނަށް އަރާފައިވާއިރު، މީގެ ތެރެއިން 35 މިލިއަން މީހުންނަކީ އަންހެނުންކަން ފާހަގަކޮށްފައިވެއެވެ.
ކުއީންސްލޭންޑް ޔުނިވާސިޓީގެ ރިސާޗް ޓީމްގައި ހަރަކާތްތެރިވާ ޑރ. އެލިޒް ފެރާރީ ހާމަކޮށްފައިވާ ގޮތުގައި، ނަފްސާނީ ބަލިތަކުގައި އަންހެނުންގެ އަދަދު އިތުރުވެފައިވަނީ ކޯވިޑް 19 އާއި ގުޅިގެން އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަންހެނުންނަށް އެކަންތައްތައް ތަހައްމަލްކުރަން ޖެހިފައިވާ މިންވަރު އިތުރުވެފައިވުންކަމަށް ދިރާސާއިން ދައްކާކަމަށެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ގެވެށި އަނިޔާއާއި ގޭތެރޭގެ ޒިންމާ ނަގަމުން އައިސްފައިވަނީ އަންހެނުންކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކޯވިޑް 19 އާއި ގުޅިގެން ނަފްސާނީ ގޮތުން އެންމެ ބޮޑު އަސަރުތަކެއްކޮށްފައިވަނީ އަންހެނުންނަށްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން 25 އަހަރުން ދަށުގެ މީހުންނަށް ނަފްސާނީ ގޮތުން އަސަރުތައް ކޮށްފައިވަނީ، ސްކޫލްތަކާއި ކޮލެޖްތައް ބަންދުވެ ބައެއް މީހުންގެ ވަޒީފާތައް ގެއްލުމާއި ގުޅިގެން ކަންވެސް ޑރ. ފެރާރީ ވަނީ ދިރާސާ ރިޕޯޓްގައި ފާހަގަކުރައްވާފައެވެ.
ނަފްސާނީ ބަލިތައް އިތުރުވެފައިވާ ޤައުމުތަކަށް ބަލާއިރު، ލެޓިން އެމެރިކާގެ އަދި މެދު އިރުމަތީގެ ބައެއް ޤައުމުތައް މިރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި މެދު އިރުމަތީގެ ޤައުމުތަކުގެ ލިސްޓުގައި ހިމެނެނީ، މިސްރު(އިޖިޕްޓް)އާއި، އީރާންއާއި، ސީރިއާއާއި، ތުރުކީ އަދި އަފްޤާނިސްތާން ހިމެނެއެވެ. ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރޭގައި އާޖެންޓީނާއާއި، އިކުއެޑޯއާއި، މެކްސިކޯ އަދި ޕެރޫ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!