ހދ.ނޭކުރެންދޫގައި ހިންގަމުން އަންނަ ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.
އެ އެކަޑަމީގެ ވެބްސައިޓް ލޯންޗް ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި 07 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނޭކުރެންދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ ދާއޫދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވެބްސައިޓާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ އެކަޑަމީގެ އެޑްމިން އޮފިސަރ ޢަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ އެކަޑަމީގެ ރައީސް މުޙައްމަދު ޒާހިރު ވަނީ އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ޒާހިރުގެ ވާހަކަފުޅުގައި ވަނީ އެ އެކަޑަމީން ކުމުންދޫ ސްކޫލުގެ ގްރޭޑް 5 އިން 10 ގެ އަންހެން ދަރިވަރުންނަށް ހޭންޑްބޯލް ކުލާސްތަކެއް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުން އަންނަ ކަން ފާހަގަކޮށްފައެވެ.
"ތިލަދުން" އާއި ވާހަކަ ދައްކަމުން އެ އެކަޑަމީގެ ރައީސް މުޙައްމަދު ޒާހިރު ބުނެފައިވަނީ އެކަޑަމީގެ ވެބްސައިޓް ލޯންޗްކޮށް ބޭނުން ކުރަން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަޑަމީގެ މަޢުލޫމާތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް ތާޒާކަންމަތީ ފޯރުކޮށް ދިނުން ކަމަށެވެ. އަދި މީގެއިތުރުން އެކަޑަމީގެ ކަންކަން ފުރިހަމަކަމާއިއެކު ކުރިއަށް ގެންދިޔުމަށް ވެބްސައިޓްގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަން ވެސް ޒާހިރު ވަނީ ފާހަގަ ކޮށްފައެވެ.
ރަސްމިއްޔާތުގައި ވަނީ އެކަޑަމީން ކޮންމެ މަހަކު ހޮވާ އެންމެ ރަނގަޅު ދަރިވަރު ހޮވާފައެވެ. މިގޮތުން އޮގަސްޓް މަހުގެ އެންމެ ރަނގަޅު ދަރިވަރަށް ހޮވިފައިވަނީ ފާލިޙް ފަތުޙުﷲ އެވެ. މިރަސްމިއްޔާތުގައި އެކަޑަމީގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރު ކްލަބް ޖަމްޢިއްޔާތަކުގެ މެމްބަރުންނާއި ކުޅިވަރަށް ސަޕޯޓުކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ.
ޒާހިރު ސްޕޯޓްސް އެކަޑަމީއަކީ 2020 ވަނަ އަހަރު ރަޖިސްޓަރީކޮށް ހިންގަން ފަށާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީގައި މިހާރު ސާޅީހަށްވުރެ ގިނަ ފިރިހެން ކުދިން ފުޓްބޯޅައިގެ ހުނަރު ހޯދަމުން އަންނައިރު، މި އެކަޑަމީއަކީ ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގައި ހިނގަމުން އަންނަ އެކަޑަމީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!