ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ފްރާންސުން ކާމިޔާބު ކޮށްފައިވަނީ ބެލްޖިއަމްއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ ސްޕެއިނުންނެވެ. ބުދަ ދުވަހުގެ ރޭ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ސްޕެއިން ވަނީ އިޓަލީގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ.

Ad
rt

ދުނިޔޭގެ ރޭންކިންގެ މިވަގުތު އެއްވަނައިގައި އޮތް ބެލްޖިއަމްއާއި ފްރާންސް ރޭގައި ބައްދަލުކުރި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ބެލްޖިއަމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުޖަހައި ފައިނަލުގެ އުންމީދު ބޮޑު ކޮށްފައެވެ. މިގޮތުން ބެލްޖިއަމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކަރެސްކޯއެވެ. މި ލަނޑުޖެހިތާ ތިން މިނެޓް ފަހުން ބެލްޖިއަމްއަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ.

ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއިއެކު ބެލްޖިއަމް ނިންމާލުމުން އެ ޓީމުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދާނެ ކަމަށެ ބެލެވުނު ނަމަވެސް ފްރާންސުން ވަނީ ފަހު ހާފުގައި ތިން ލަނޑު ޖަހައު މެޗު އެ ޓީމް ކޮޅަށް އަނބުރާލާފައެވެ.

ފްރާންސުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 62 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. ފްރާންސުން ކާމިޔާބުކުރި ދެވަނަ ލަނޑު 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ. މިއީ ގްރީޒްމަން އަށް ބެލްޖިއަމްގެ އޭރިއާގެ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި މެޗުން ފްރާންސް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ތެއޯ ހެނާންޑޭޒްއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. ރާއްޖެ ގަޑިން 23:45 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ފްރާންސާއި ސްޕެއިންއެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އެ ދުވަހުގެ 18:00 ގައި ބައްދަލު ކުރާނީ ބެލްޖިއަމްއާއި އިޓަލީއެވެ.