"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ދިވެހި ޓީމުން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު އައުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލްއަތުން ބަލިވެފައިވުމާއިއެކު މި މެޗަށް ނުކުތްއިރު މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅުވުމުގެ މުހިންމުކަން ރާއްޖެއަށް އޮތީ ބޮޑުވެފައެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މިގޮތުން މެޗުގެ ފުރަތަމަ ފަނަރަވަރަކަށް މިނެޓް ބަންގްލަދޭޝް ޓީމުން ވެސް ވަނީ ބޯޅަ ތިރިކޮށްގެން ޕާސިން ގޭމެއް ކުޅެފައެވެ.
މެޗު ކުރިއަށްދިޔަ ވަރަކަށް ރާއްޖޭގެ ޓީމް އައީ ކުޅުން ރަނގަޅު ކުރަމުންނެވެ. މިގޮތުން މެޗުގެ ފުރަތަމަ ފަނަރަ މިނެޓަށްފަހު ރާއްޖެ ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މި ހާފުގައި ވެސް ރާއްޖެ ޓީމުން ވަނީ ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކޮށްފައެވެ. މިގޮތުން އިބްރާހިމް މަހްދީ ބޮލުން ބަންގްލަދޭޝް އޭރިއާތެރެއަށް ހުރަސްކޮށްދިން ބޯޅަ އަލީ އަޝްފާޤް (ދަގަނޑޭ) އަށް ވަނީ ގޯލަށް ފޮނުވާލަން ފުރުޞަތު ލިބިފައެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން ދަގަނޑޭއަށް ކުރެވިފައި ނުވެއެވެ.
ފުރަތަމަ ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އަލީ ފާސިރު (ސެންޓޭ) އެވެ. ބަންގްލަދޭޝް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ދަގަނޑޭ ތިރިތިރިން ބަންގްލަދޭޝް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ވަގުތު ސެންޓޭއަށް ހުސްކޮށް ހުރެ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން ފުރުޞަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލު ހަމަލާ ގޮސްފައިވަނީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ.
ބަންގްލަދޭޝް ޓީމްގެ ފަރާތުން ގިން ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ނުރައްކާތެރި ހަމަލާތަކެއް ބަންގްލަދޭޝްގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޖަހާފައި ވަނީ މިހާފުގައެވެ. ފުރަތަމަ ލަނޑު ޖަހައި މެޗުގައި ރާއްޖޭން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ފޮނުވާލި ބައިސިކަލް ކިކަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ރާއްޖެއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް ބަންގްލަދޭޝްގެ ސޮހެލް ރާނާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުން މޮޅުވެ ރާއްޖެ ވަނީ ތިން ޕޮއިންޓާއެކު، ތިން ވަނަ އަށް ޖެހިލައިފަ އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ބަންގްލަދޭޝެވެ. އެއްވަނައިގައި ހަ ޕޮއިންޓް ހޯދައިގެން އޮތީ ނޭޕާލެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!