ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރަ ނުވަތަ މިނިމަމް ވޭޖުގެގޮތުގައި މަހަކު 5،700ރ. ދޭން މިނިމަމްވޭޖް ބޯޑުން މިނިސްޓަރަށް ހުށަހަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިނިމަމް ވޭޖު ބޯޑުގެ ނިންމުން އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

“ތިލަދުން”އަށް އެނގިފައިވާ ގޮތުގައި މިނިމަމް ވޭޖް ބޯޑުން ރޭ ނިންމީ ސިވިލް ސާވިސް މުޗައްޒަފުންގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކޮށްގެން މަހަކު 7،000ރ. ކަމަށެވެ. އަދި ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ 5،700ރ. ދޭން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން 8،000ރ. ދޭން ޖެހޭއިރު ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. ދޭން ވަނީ ކަނޑައަޅާފައެވެ.

އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅައެވެ.

އެ ބޯޑުން ފާސްކޮށްފައިވާ އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައިގެ 70 އިންސައްތަ އަސާސީ މުސާރައަށް ވާން ޖެހޭނެއެވެ. އަދި ވަޒީފާދޭ ފަރާތުން ކެއުމާއި ހުރުން ހަމަޖައްސައިދޭ ނަމަ، އެއިން ކަމަކަށް ހޭދަވާނެ ވަރު މިނިމަމް ވޭޖްގެ ތެރެއަކަށް ނުލެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.