އުރީދޫ މޯލްޑިވްސް އާއި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިއީ މިދިޔަ އަހަރު އެ ދެ ކުންފުންޏާއި އެމްއެމްޕީއާރުސީ ގުޅިގެން ފެށި "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ފެށި ސޯޝަލް މީޑިއާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެދަށުން ރާއްޖޭގެ ސަގާފަތާއި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމުތަކެއް ލިބޭނެއެވެ.

Ad
rt

މިދިޔަ އޮގަސްޓް މަހުގެ 17ވަނަ ދުވަހު ފެށި މި ކެމްޕޭނުގެ ފުރަތަމަ ތީމަކީ ރާއްޖޭގެ ސަގާފަތާއިއާދަކާދައެވެ. މި ތީމިގެ ދަށުން ފޮޓޯ އާއި ވީޑިއޯ ހުށަހެޅި މީހުންގެ ތެރެއިން ހޮވިފައިވަނީ ޒަހުވާ ޒަރީރެވެ.

ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ފޮޓޯ އާއި ވީޑިއޯ ހުށަހަޅަން ޖެހޭނީ ކޮންމެ މަހަކު ދޭ ތީމަށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް މި ކެމްޕޭނުގައި ބައިވެރިވެވޭނެއެވެ.

އޮގަސްޓު މަހު އުރީދޫ އިން އިނާމަކަށް ހުށަހެޅީ ވ.ކެޔޮދޫ ޖުޕިޓާސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެވެ.

މި ކެމްޕޭނުގައި ފޮޓޯ އާއި ވީޑިއޯ ހުށަހަޅާ މީހުންގެ ތެރެއިން ކޮންމެ މަހަކު ނަސީބުވެރިއަކު ހޮވާނެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން ފޮޓޯ އާއި ވީޑިއޯ ހުށަހަޅަން ހުޅުވާަލައިފައިވަނީ ކަނޑު އަޑީގެ މަންޒަރުތަކުގެ ތީމަށެވެ. މި ތީމުން އެއްވަނައަށް ދާ މީހަކަށް އއ. ރަސްދޫ ޝެލޯ ލެގޫންގައި ދެ މީހަކަށް ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އުރީދޫ އިން ހިންގާ މި ކެމްޕޭނަކީ ރާއްޖޭގެ ބްރޭންޑުގެ ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ހިންގާ ކެމްޕޭނެކެވެ. އެހެންކަމުން ފޮޓޯ އާއި ވީޑިއޯހިއްސާކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަންޖެހޭނެއެވެ.