"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައެވެ. ނަން ބަދަލުކޮށް އަލުން ހުށަހެޅީ އެނަމުގައި ޕާޓީއެއް އުފައްދަން އީސީއިން ހުއްދަ ނުދިނުމުންނެވެ.

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމިއިރު، އެންމެފަހުން އުފެއްދުމުގެ މަސައްކަތްފެށި އެއްޕާޓީ ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބޭނުންވާ މެންބަރުޝިޕް ހަމަކޮށް، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މި މަހުގެ 8 ވާ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާ ޕާޓީއެކެވެ.

މީގެއިތުރުން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވާ ގެންދަވަނީ ކުރައްވަމުންނެވެ.