ރާއްޖޭގައި ކޮވިޑް-19 ބަލީގެ ނުރައްކާތެރިކަން ބޮޑު މީހުންނަށް ކޮވިޑް އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ 3 ވަނަ ޑޯޒެއް ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ޑޯޒަކީ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެވޭ ޑޯޒެއްކަމަށެވެ. އަދި މި ގޮތަށް މިކަންކުރުމަށް ނިންމާފައިވަނީ މިކަމާ ބެހޭގޮތުން ކޮށްފައި ހުރި ދިރާސާތަކަށް ބެލުމަށްފަހު މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަނުން އެ އޭޖެންސީއަށް ލަފާދެއްވާފައިވާތީއާވެސް އެކުގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

Ad
rt

އަންނަ އާދިއްތަ ދުވަހުން ފެށިގެން މި ޑޯޒު ދޭން ފެށޭނެ ކަމަށާއި މިވަގުތަށް ދޭން ހަމަޖެހިފައިވާ ބޫސްޓާ ޑޯޒަކީ ފައިޒާ ވެކްސިންގެ ޑޯޒެއް ކަން ފާހަގަކުރެއްވިއެވެ. އަދި މި ޑޯޒް ދިނުން ކުރިއަށް ގެންދާނީ ހުޅުމާލެ ހޮސްޕިޓަލުންނާއި އޭޑީކޭ އަދި ވިލިމާލެ ހޮސްޕިޓަލުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ބޫސްޓާ ޑޯޒު ދެވޭ މީހުންގެ ތެރޭގައި، ދިފާއީ ނިޒާމު ބަލިކަށި މީހުން، 60 އަހަރުން މަތީގެ މީހުން ، އޮކްސިޖަން ތެރެޕީ ނަގާ މީހުން، ގަވައިދުން ޑައިލިސިސް ހަދާމީހުން، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ދިފާއީ ބާރު ބަލިކަށި ކޮށްލާ ފަދަ ބޭސް ބޭނުން ކުރާ މީހުން، ބީ.އެމް.އައި 40 އަށް ވުރެ މަތި ނުވަތަ އާދަޔާ ޚިލާފަށް ބަރު މީހުން، ކެންސަރަށް ފަރުވާކުރާ ނުވަތަ ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުން، ބައްޔެއްގެ ސަބަބުން އެނދުމަތިވެފާ ތިބެ މީހުން، ހަކުރުބައްޔާއި ގުޅިގެން އެއްވެސް ގުނަވަނަކަށް ގެއްލުންވެފައި ތިބި މީހުން އަދި ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން ހިމެނެއެވެ.

އަދި 3 ވަނަ ޑޯޒް ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑްގެ އެއްވެސް ބާވަތެއްގެ ވެކްސިން ފުރިހަމަކުރުމަށްފަހު 6 މަސްދުވަސް ވެފައި ތިބި ފަރާތްތަކަށް ކަންވެސް އެޗްޕީއޭގެ އިއުލާނުގައި ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އާބާދީން ތިންލައްކައަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަޑަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށް ތަކަށް މިހާރު ވަނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި ނުލާ ދަތުުރު ކުރުމުގެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.