މުއްދަތު ހަމަވެފައިވާ 6 ޓްރެވަލް ޑޮކިއުމެންޓްސް އޮތްނަމަ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރާ ލިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވިދާޅުވެ ޑިރެކްޓާ ޖެނެރަލް އޮފް އޭވިއޭޝަން ސެކިޔުރިޓީ، ހުސައިން ނަޒީފް ސޮއިކުރައްވައި ނެރުނު ސާކިޔުލާއެއްގައެވެ.
މިކަން ހައްލުކުރުމަށްޓަކާ ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތުތައް ސާފުކޮށް އެނގޭނަމަ އެތެރޭގެ އުދުހުންތަކުގައި ޗެކް އިން ވުމަށާއި ޓިކެޓު ގަތުމަށް އަދި ސެކިޔުރިޓީ ޗެކް ޕޮއިންޓުތަކުން ކާކުކަން ދެނެގަތުމަށް އެ ލިޔުންތައް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން މުއްދަތު ހަމަވެފައިވީ ނަމަވެސް ބޭނުންކުރެވޭނެ ލިޔުންތައް:
1. ޕާސްޕޯޓު
2. އައިޑީކާޑު
3. ވޯކް ވިސާ ކާޑު
4. ލައިސަންސް ކާޑު
5. އެއާޕޯޓު ސެކިޔުރިޓީ ފާސް
6. ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް
އައިޑީކާޑު ނެތުމުން އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެން ފެށުމުގެ ސަބަބުން، ޑީއެންއާރުން ކުރިން ވަނީ ޖޫން 30ގެ ނިޔަލަށް، އައިޑީކާޑު ނެތް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދިނުމަށް އަންގާފައެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑު، ޑްރައިވިން ލައިސަންސް ދައްކައިގެން ދަތުރު ނުކުރެވޭ ގޮތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނިންމީ މިއަހަރުގެ ޖެނުއަރީމަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!