އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ވައިކަރަދޫ ދާއިރާގެ ރައީސްކަން އަހްމަދު މަޖުދީ (މަޖޭ) ކާމިޔާބު ކުރައްވައިފި އެވެ.

ހދ. ނެއްލައިދޫއަށް އުފަން މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ އިތުރު 4 ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ 9 ވޯޓުގެ ތަފާތަކުންނެވެ. މަޖުދީއަށް 203 ވޯޓު ލިބިފައިވާއިރު ވައިކަރަދޫ ދާއިރާގެ ރައީސްކަން ފެށުނީންސުރެއް ކުރައްވަމުން އަންނަ އަޙްމަދު ހާޝިމް އަށް ލިބިފައިވަނީ 194 ވޯޓެވެ.

Ad
rt

ވައިކަރަދޫ ދާއިރާގެ ރައީސްކަމަށް ޖުމްލަ 5 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އެއީ ވައިކަރަދޫ ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު ވަހީދު އާއި އަބްދުލް ހަމީދު ޔޫސުފް އަދި ޢަލީ ޢާޞިމް އެވެ. އަހްމަދު ވަހީދަށް ލިބިފައިވަނީ 103 ވޯޓެވެ. ޢަލީ ޢާޞިމް އަށް 57 ވޯޓް ހޯދާފައިވާއިރު އަބްދުލް ހަމީދު ޔޫސުފްއަށް ލިބުނީ 8 ވޯޓެވެ.

ވައިކަރަދޫ ދާއިރާގެ ނައިބް ރައީސްކަން ކާމިޔާބު ކުރެއްވީ ހދ. ކުރިނބީ ހިޝާމް އާދަމް އެވެ. ވާދަ ކުރެއްވީ ވައިކަރަދޫ ކައުންސިލްގެ ކުރީގެ ނައިބް ރައީސް އަބްދުﷲ ޝަރީފް އާއެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.