ސްޕެނިޝް ލަލީގާގައި ފުރަތަމަ ފަހަރަށް އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި ސީޒަންގައި ސްޕެނިޝް ލީގުގައި މިހާތަނަށް ރެއާލް ބަލިވެފައި ނުވާއިރު އެ ޓީމުން ވަނީ ލީގުގައި ފުރަތަމަ ކުޅުނު ހަ މެޗުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މިގޮތުން ހަ މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 21 ލަނޑު ޖަހާފައެވެ.

ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މިގޮތުން ރެއާލްގެ ކެޕްޓަން ބެންޒެމާއާއި އިސްކޯ ފޮނުވާލި ހަމަލާ ވިޔަރެއާލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ވިޔަރެއާލުން ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތު ލިބިފައި ވަނީ އެ ޓީމްގެ އާނަޓް ޑަޒޫމާއަށެވެ. އޭނާ ހުސްކޮށްހުރެ ފޮނުވާލި ދެ ހަމަލާވެސް ރެއާލްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ޑިޕޯޓިވޯ އަލާވޭސް ބައްދަލުކުރި މެޗު އަލާވޭސްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ޑުއާޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިކްޓަރ ލަގުއާޑިއާއެވެ. އޭނާ ވަނީ ފަހުފާފުގެ ކުރީކޮޅު އެތުލެޓިކޯގެ ރޮޑްރިގޯ ޑި ޕައުލް އަލާވޭސްގެ ގޯލުގެ ކުރިމައްޗަށް ހުރސްކުރި ބޯޅަ ގޯލުގެތެރެއަށް ވަންނަން ދަނިކޮށް ބޮލުން ދިފާއުކޮށްފައެވެ.

ލީޑު ފުޅާކުރުމަށް އަލާވޭސްގެ މަމަޑޫ ލޮއުމްއަށް ފުރުޞަތު ލިބުނު ނަމަވެސް އޭނާއަށް އެ ފުރުޞަތުގެ ބޭނުން ކުރެވިފައި ނުވެއެވެ. މެޗުގެ ދެވަނަ ފާހުގައި އެތުލެޓިކޯއިން ވަނީ އަލާވޭސްއަށް ބާރު ބޮޑުކޮށްފައެވެ، މިގޮތުން އެ ޓީމްގެ ކޮއްރެއާއަށް ފޮނުވާލި ނުރައްކާތެރި ހަމަލާ އަލާވޭސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި ނަތީޖާތަކާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 7 މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ. ދެ ވަނާގައި ހަ މެޗުން 14 ޕޮއިންޓް ލިބިގެން ސެވިއްޔާ އޮތްއިރު ހަތް މެޗުން 14 ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.