ވަކި ވަޒީފާއެއް އަދާކުރަން މީހެއްގެ ގައިގަ ހުންނަން ޖެހޭނީ ކޮން ހުނަރުތަކެއް ކަން ބަލާ ، ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ މީހުންނަށް ރަސްމީ ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިނުވެ، އެމީހުންގެ ކިބައިގައި އެ ހުނަރުތައް ހުރިކަން ސާބިތުކޮށްދިނުމުން އެކަމަށް ސެޓިފިކެޓެއް ލިބޭނެ އުސޫލެއް ގާއިމްކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް މިހާރު އަދާކުރާނީ އެމްޕްލޮއީމެންޓް ސެކްޓަރ ކައުންސިލްތަކުން ކަމަށެވެ. އެގޮތުން ކޯހެއް ފުރިހަމަކުރާއިރު އެމީހެއްގެ ގައިގައި ހުންނަންޖެހެނީ ކޮން ހުނަރުތަކެއްކަން ކަނޑައަޅާނީ ސެކްޓަރ ކައުންސިލްތަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްޓެންޑަރޑްތަކާ އެއްވަރަށް ކޯސްތައް ފަރުމާ ކުރުމުގެ ކަންކަންވެސް ކުރުން މަތިވެފައިވަނީ އެ ސެކްޓަރ އިން ކަމަށް ބުންޏެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ މި ސްޓެންޑަރޑްތައް ކަނޑައެޅިފައި ހުރި ދައިރާތަކުން، ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ މީހުންނަށް ރަސްމީ ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިނުވެ، ސެޓްފިކެޓެއް ލިބޭނެ އުސޫލެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން އެމީހުންގެ ގައިގަ ހުނަރު ހުރިކަން ސާބިތުކޮށްދިނުމުގެ ފުރުސަތު ދޭނެ ކަމަށާއި، އޭގެ ފަހުން ދޭނީ ޓްރޭޑް ޓެސްޓިން ސެޓްފިކެޓެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އެކަން ކުރާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް އޮތޯރިޓީން ގަބޫލުކުރާ އެސެސްމެންޓް ސެންޓަރުތައް މެދުވެރިކޮށެވެ. އަދި މި ސެޓްފިކެޓުގެ ސަބަބުން އެމީހުންނަށް ވޒީފާގެ ކުރިއެރުން ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.