ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ ކާޑިޒްއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރުވެ، ބާސާގެ ކޯޗުގެ މަޤާމުގައި މިވަގުތު ހުރި ކޫމަންއަށް އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ. ކާޑިޒްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗު ކޮންޓްރޯލް ކޮށްގެން ބާސެލޯނާއިން ކުޅުނު ނަމަވެސް މުޅި ފުރަތަމަ ހާފުގައި ވެސް އެ ޓީމަށް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތެއް ތަނަވަސް ކުރެވިފައި ނުވެއެވެ.

Ad
rt

މެޗުގައި ބާސެލޯނާއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ދެ ފުރުޞަތެއް ލިބިފައި ވަނީ ފަހު ހާފުގައި އެ ޓީމްގެ މެންފިސް ޑިޕާއީއަށެވެ. އޭނާއަށް ލިބުނު ދެ ފުރުޞަތު ވެސް ބޭނުން ކުރެވިފައި ނުވެއެވެ. މެޗުގައި ބާސާއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ 65 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ފްރޭންކް ޑި ޔޮންއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. މެޗުގައި ކާޑިޒްގެ ފަރާތުން ވެސް ނުރައްކާތެރި ދެ ހަމަލާއެއް ބާސާގެ ގޯލަށް ފޮނުވާލި އިރު އެ ދެ ހަމަލާގެ ހުރަހަކަށް ވެސް ވީ ބާސާގެ ގޯލް ކީޕަރެވެ.

ބާސާއަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއްނުލިބި، ޓީމްގެ ނަތީޖާތައް ދައްވުމުގެ ސަބަބުން މި މެޗަށް ނުކުތްއިރު ވެސް އެ ޓީމްގެ ކޯޗް ރޮނާލްޑް ކޫމަންއަށް އޮތީ ޕްރެޝަރާއި ކުރިމަތިލާން ޖެހިފައެވެ. ވުމާއެކު މިމެޗުން އެއްވަރު ވުމުން އޭނާގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

މި ނަތީޖާއާއި އެކު ބާސާ މިވަގުތު އޮތީ ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއިއެކު ތާވަލުގެ ހަތް ވަނާގައެވެ. ކާޑިޒް މިވަގުތު 14 ވަނާގައި އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 6 މެޗުން 16 ޕޮއިންޓް ވަނީ ލިބިފައެވެ.