ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލުން ވަނީ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް މަޔޯކާގެ ގޯލަށް ފޮނުވާލާފައެވެ. އެ ގޮތުން ރެއާލުން ވަނީ 12 ހަމަލާއެއް މަޔޯކާގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.
ރެއާލުން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. ރެއާލަށް ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި އެސެންސިއޯ ކާމިޔާބު ކޮށްދިންއިރު، މަޔޯކާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކަން އިން ލީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލުން ތިން ލަނޑު ކާމިޔާބު ކުރިއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި އެސެންސިއޯ ކާމިޔާބުކޮށް އޭނާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ފަސްވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާއެވެ. މިއީ މި ސީޒަންގައި ލީގުގައި ކުޅުނު ހަ މެޗުގައި ބެންޒެމާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. އަދި އޭނާ ވަނީ ހަ މެޗުގައި ހަތް އެސިސްޓް ވެސް ކޮށްދީފައެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ހަވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އިސްކޯއެވެ.
މި ނަތީޖާއާއިއެކު ރެއާލް ލީގުގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި ހަ މެޗުން 14 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. މެޗުން ބަލިވި މަޔޯކާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް ހަ މެޗުން ލިބިފައި ވަނީ އަށް ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!