އިނގިރޭސި ލީގުކަޕްގެ ތިންވަނަ ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީއާއި ޓޮޓެންހަމް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ޗެލްސީއާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވުމުން ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެނެނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީން އެސްޓަންވިލާގެ މައްޗަށް ކުރިހޯދާފައި ވަނީ 4-3 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޖޭމްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓިމޯ ވާނާއެވެ. މެޗުގައި އެސްޓަންވިލާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 64 ވަނަ މިނެޓުގައި ކެމެރޮންއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބު ވެފައި ވަނީ ޗިލްވެލްގެ ޕެނަލްޓީ އެކަންޏެވެ. އެސްޓަންވިލާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ ތިން ޕެނަލްޓީއެވެ. އެ ޓީމްގެ ޔަންގްގެ އިތުރުން ނަކަމްބާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

ބުދަ ދުވަހުގެ ރޭ ލީގުކަމުގެ ތިންވަނަ ބުރުގައި ވުލްވްސްއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ޓޮޓެންހަމް ވެސް ވަނީ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗު ޓޮޓެންހަމް ވެސް ކާމިޔާބު ކޮށްފައި ވަނީ ފުރިހަމަ ވަގުތުހަމަވި އިރު ދެ ޓީމް 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާފައި ވަނީ ޓޮޓެންހަމުންނެވެ. ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި އެންޑޮންބެލޭ ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހެރީ ކޭންއެވެ.

ވުލްވްސްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑެންޑޮންކާއެވެ. އެ ޓީމުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ފަހު ހާފުގެ 60 ވަނަ މިނެޓުގައި ޕޮޑެންސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.