އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗުން ޔުނައިޓެޑް ބަލިވެ މުބާރާތުން ކަޓައިފިއެވެ. ބުދަ ދުވަހުގެ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑުން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ބައެއް މުހިންމު ކުޅުންތެރިން ނުހިމަނައެވެ. މިގޮތުން ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް މި މެޗަށް ނަގާފައިވާ ސްކޮޑުގައި ހިމަނާފައި ނުވެއެވެ. މީގެއިތުރުން ޕޮގްބާއާއި ބްރޫނޯ ފެނާންޑޭޒް ވެސް ފަސްޓް އިލަވަންގައި ހިމްނާފައި ނުވެއެވެ.
މި މެޗުގައި ވެސްޓްހޭމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑް ކުޅުންތެރިޔާ މެނުއަލް ލަންޒިނީއެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ޔުނައިޓެޑުން ވަނީ ޓީމް ކުރިއަށްޖެހި ފުރަތަމަ ހާފުގައި ވެސް ވެސްޓްހޭމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މިޑްފީލްޑަރ މަޓާ ފޮނުވާލި ހަމަލާ ވެސްޓްހޭމްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވީއިރު، ލިންގާޑު ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސްޓްހޭމްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ގްރީންވުޑްގެ އިތުރުން ބްރޫނޯ ފެނާންޑޭޒް ވެސް ކުޅެންނެރެ ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ގްރީންވުޑްއަށް ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިގެންދިޔަ ނަމަވެސް އެ ފުރުޞަތުގެ ބޭނުން ކުރެވިފައި ނުވެއެވެ.
މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި ވެސް މި ދެ ޓީމް ވަނީ ބައްދަލު ކޮށްފައެވެ. އެ މެޗު ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ.
ރޭ ލީގުކަޕްގައި އާސެނަލް ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. އާސެނަލް މޮޅުވީ އޭއެފްސީ ވިންބަލްޑަން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!