ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް ހިމަނާފައިވާ މާއްދާތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރު އެބޮތް ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ބިލުގައި މިކަން ހިމަނާފައި ވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ.
އެގޮތުން ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ގާނޫނުގައި އެ ހައްގު ލިބިދޭއިރު، އެ ހައްގު ނިގުޅައިގަންނަ މާއްދާއެއް ހެއްކާ ބެހޭ ބިލުގައި ހިމަނާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެ ހައްގު ނިގުޅައިގަނެވޭ ދެ މާއްދާ އޮވެ މި ބިލު ފާސް ވެއްޖެ ނަމަ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމުގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެފައިވެއެވެ.
އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅޭނެ ފަދަ ގޮތަކަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދި ކުރިއެރުން ދަށަށް ގޮސް ބައިނަލްއަގްވާމީ ދުނިޔޭގެ ނަޒަރުގައި އެކަންކަން ފާހަގަވެ، ރާއްޖެ އަށް ބޮޑެތި ކަންބޮޑުވުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
މައުލޫމާތު ލިބުނު ގޮތް ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރު ކުރާ މާއްދާއެއް!
https://thiladhun.wonstasite.com/73606
އެހެންވެ އަބުރުގެ ގާނޫނުން ނޫސްވެރިކަމަށް ވީ ގެއްލުމުން ފިލާވަޅު ލިބިގަނެ ހެއްކާބެހޭ ގާނޫނުން ވެސް އެ ބައިތައް އުނިކުރުމަށް ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!