ނޫސްވެރިއަކަށް މައުލޫމާތެއް ލިބުނު މަސްދަރު ހާމަކުރަން އެ ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް މަޖުބޜުކުރެވޭނެ މާއްދާއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ހިމަނައިފިއެވެ.

އެ ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެކަމަކު އެ މާއްދާގެ (ށ)ގައި ވަނީ މަޖުބޫރުކުރެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ.

Ad
rt

އެގޮތުން މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގައ ބަލާ ކަންކަމަކީ:

1- ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
2- ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.