ކޮވިޑް-19އާ ގުޅިގެން އާސަންދަ ކުންފުނިން ދިން ލުއިތަކަށް ބަދަލުގެނަސް ދިގު މުއްދަތަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް، އަންނަ މަހުން ފެށިގެން ބޭސް ދޫކުރަނީ އެއް ފަހަރު ކަމަށް އާސަންދައިން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން ދިން ލުޔެއްގެ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ދިގު މުއްދަތަށް ބޭސްކާ މީހުންގެ ބޭސް ސިޓީތަކަށް އެއްފަހަރަށް ވުރެ ގިނައިން ބޭސް ދޫކުރެވެއެވެ. އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލު އުވާލަން ނިންމާފައިވާ ކަމަށެވެ.

Ad
rt

ހެންކަމުން 1 އޮކްޓޯބަރު 2021 އިން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށާއި ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާވެސް ޑޮކްޓަރު އާ ބޭސްސިޓީއެއް ލިޔެދެއްވެމުން ކަމަސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބަދަލު ކުރި އުސޫލުތަކުގެ ތެރޭގައި އުފަންވާ ކުދިންނަށް 28 ދުވަސް ވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެވޭނެ ގޮތް ހެދިއެވެ. އެކަމަކު އާސަންދައިން ވަނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން އެ އުސޫލަށް ވެސް އަމަލު ނުކުރާން ނިންމާފައެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން ކުއްޖާ އުފަންވާތާ 28 ދުވަސް ތެރޭގައި ދެން ހިދުމަތް ލިބޭނީ ކުއްޖާގެ އައިޑީކާޑަށް ކަމަށް ބުންޏެވެ.

މީގެ އިތުރަށް މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދެމުން ދެއެވެ. ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުންކަން ފާހަގަކޮށް ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އާސަންދަ ކުންފުނިން ވަނީ ހަނދާން ކޮށްދީފައެވެ.