ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ ގެޓާފޭއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގައި ގެޓާފޭއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތު ކާމިޔާބު ކޮށްފައިވާއިރު، މިއީ 2011 ވަނަ އަހަރުގެ ފަހުން ގެޓާފޭއަށް އެތުލެޓިކޯގެ ގޯލަށް ވައްދާލެވުނު ފުރަތަމަ ލަނޑެވެ. މި ލަނޑު ގެޓާފޭއަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޑިފެންޑަރ ސްޓެފެން މިޓްރޮވިޗެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި އެތުލެޓިކޯގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ލަނޑުޖަހާނެ ފުރުޞަތު ތަކެއް ތަނަވަސް ކުރިއިރު މެޗުގެ 68 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގެޓާފޭގެ ގޯލުގެ ދަނޑިއަށެވެ. މެޗުގައި ގެޓާފޭއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ 74 ވަނަ މިނެޓުގައި އެ ޓީމްގެ ކާލެސް އަލެނާއަށް ރަތްކާޑު ދެއްކުމުންނެވެ.

ގެޓާފޭއިން އެއް ކުޅުންތެރިޔަކު މަދުވިތާ ހަތަރު މިނެޓް ފަހުން އެތުލެޓިކޯއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މާރިއޯ ހާމޯސޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސުއަރޭޒްއެވެ.

މި ލަނޑާއިއެކު މެޗު އެއްވަރު ވެގެން ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަ މިނެޓްގެ ތެރޭގައި އެތުލެޓިކޯއިން ވަނީ ލަނޑު ޖަހައި ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. މި ލަނޑު ވެސް ކާޔާބު ކޮށްދީފައި ވަނީ ސުއަރޭޒްއެވެ.

މި މޮޅާއި އެކު އެތުލެޓިކޯ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައި ވަނީ 6 މެޗުން 14 ޕޮއިނޓެވެ. ދެވަނާގައި ރެއާލް މެޑްރިޑް އޮތީ 5 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރެއާލް މެޑްރިޑާއި މަލޯކާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް ވަނީ ތަނަވަސް ވެފައެވެ. މި މެޗުން ބަލިވި ގެޓާފޭ އޮތީ މިވަގުތު ކުޅުނު ހަ މެޗުން ވެސް ބަލިވެ ތާވަލުގެ 19 ވަނާގައެވެ.