ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެތައް ހާސް އާއިލާއެއް ތިބީ ޗުއްޓީ ހޭދަކޮށްލަންވެސް ނުދެވި އެފަދަ ފުރުސަތެއް ފަހިވާނެ އިރެއްގެ އިންތިޒާރުގައެވެ.
ކޯވިޑުން ރައްކާތެރިވުމަށް ގިނަ ވެކްސިންތަކެއް އީޖާދުކޮށް، ބަލިން އަރައިގަތުމުގެ ކޮޅުމަތި ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ދަތުރުފަތުރު ކުރުމުގައި މަޑުމަޑުން ލުއިތައް ދެމުންނެވެ.
އެހެންކަމުން ދަތުރެއް ކޮށްލަން ފުރުސަތަކަށް ބަލަބަލާ ތިބި ޢާއިލާތައް މިހާލަތުން ވީއްލުމާއެކު ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ހިތްގައިމު 7 މަންޒިލެއް ޔޫ.އެސް.އޭ ޓުޑޭގެ ދިރާސާއަކުން މިވަނީ ދެނެގަނެފައެވެ.
މިގޮތުން ޔޫ.އެސް.އޭ ޓުޑޭގައި ޝާއިޢުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، އާއިލާ އެއްކޮށް ދަތުރުކުރުމަށް ބަކެޓް ލިސްޓްއަށް ލާންވީ 7 ޤައުމަކާއި ބެހޭ މަޢުލޫމާތުވަނީ ހިމަނާފައެވެ.
މިގޮތުން މިލިސްޓުގެ 3 ވަނައިގައި ރާއްޖެ ހިމެނިފައިވުމީ ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންދާނެ ފަޚުރެއްކަން ޔަގީނެވެ.
މި ލިސްޓްގައި ރާއްޖެއިން ހިމަނާފައި ވަނީ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއެވެ. އެ ރިސޯޓް މި ލިސްޓްގައި ހިމެނާފައިވަނީ އެ ރިސޯޓްއިން ދެވޭ ހިދުމަތަކީ ކުޑަކުދިންނާއި ރަށްޓެހި އަދި އާއިލާ އެއްކޮށް ވަގުތު ހޭދަކޮށްލުމަށް ވަރަށް އެކަށޭނެ މާހައުލެއްގެ ގޮތުގައި ސިފަކޮށެވެ. ޕެންޑެމިކްގެ ދަތިތަކުން އަރައިގަތުމަށް މިއީ ވަރަށް އެކަށޭނަ ރިސޯޓެއްކަން ފާހަގަކޮށް މި ލިޔުމުގައި ބުނެފައިވަނީ ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށްވެސް ވަރަށް އެކަށޭނެ ޙިދުމަތްތައް މިރިސޯޓްއިން ލިބޭނެކަމަށެވެ. އެގޮތުން އާއިލާ އެއްކޮށް ބައިވެރިވެވޭނެ ކައްކާ ކްލާސްތައް ހިންގުމާއި، ސްޕާ އަދި ޔޯގާ ކްލާސްތައް ހިމެނެއެވެ. އަދި 2 ބެޑްރޫމް ގުޅުވައިފައި ހުންނަ ބީޗް ވިލާތައް ހިމެނެއެވެ.
ބަކެޓް ލިސްޓްގެ 1 ވަނައިގައި އޮތީ އައިސްލޭންޑްގެ ރޭޖްޖެވިކްއެވެ. 2 ވަނައިގައި ޕެރިސް އޮތް އިރު 4 ވަނައިގައި އެމެރިކާ އޮތްއިރު، 5 ވަނައިގައި އޮތީ އަލަސްކަން ކްރޫޒްއެކެވެ. ލިސްޓުގެ 6 ވަނައިގައި ގްރީސްގެ އެތެންސް އެންޑް އެންޝަންޓް ގްރީކް ސައިޓްތައް ހިމަނާފައިވާއިރު، 7 ވަނައިގައި އޮތީ ސިންގަޕޫރެވެ.
ޔޫރަޕްގެ ޤައުމުތަކުގެ މިފަދަ ލިސްޓެއްގައި ރާއްޖެ ހިމެނިފައިވާއިރު، ރާއްޖެއިންވެސް ކޯވިޑް 19 އިން އަރައިގަނެ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެކި ފެންވަރުގައި އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!