ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ގްރަނާޑާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ސީޒަންގައި ބާސެލޯނާއިން ނެރެމުންދާ ދަށް ނަތީޖާތަކާއިއެކު އެ ޓީމްގެ ކޯޗް ރޮނާލްޑް ކޫމަންއަށް ޕްރެޝަރ ބޮޑުވެފައި ވާ މި ދަނޑިވަޅުގައި މި މެޗުން އެއްވަރުވުމުން އެ ޕްރެޝަރ އިތުރަށް ވަނީ ބޮޑުވެގެން ގޮސްފައެވެ. ނިމިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކް އަތުން ވެސް ބާސާ ވަނީ ތަފާތު ބޮޑު ނަތީޖާއިން ބަލިވެފައެވެ.
ގްރަނާޑާއާއި ބައްދަލު ކުރި މެޗުގައި ބާސެލޯނާއިން މުޅި މެޗު ކޮންޓްރޯލް ކުރި ނަމަވެސް އެ ޓީމަށް ވަނީ ލަނޑުޖެހުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ގްރަނާޑާއިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު އެސްކުޑެރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑޮމިންގޯ ޑުއާރޓޭއެވެ. ފުރަތަމަ ހާފުގައި ބާސާއިން ވެސް ގްރަނާޑާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. ޑެސްޓް އަދި ރޮނާލްޑް އަރައުހޯ ފޮނުވާލި ހަމަލާތަށް ގްރަނާޑާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މި މެޗުން ބާސާ ބަލިނުވެ ސަލާމަތްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ ގަވީ ގްރަނާޑާގެ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑް އަރައުހޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއިއެކު ބާސެލޯނާ މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ތާވަލުގެ ހަތް ވަނާގައެވެ. ގްރަނާޑާއަށް 5 މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެ ޓީމް މިވަގުތު އޮތީ ތާވަލުގެ 17 ވަނާގައެވެ. އެއްވަނާގައި މިވަގުތު އޮތީ 5 މެޗުން 11 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!