"ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި މީސްމީޑިއާގައި މިހާރު ޙަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި، މި ކަމާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން ސީއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" ގެ ނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް އެ ފަދަ ފަރާތްތަކުން ހިންގާ ޙަރަކާތްތަކާއި، ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން އަމަލުނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށެވެ.

Ad
rt

ސިވިލް ސަރވިސް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑުއަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްކަމަށާއި އެ ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް ކޮމިޝަނުން މަސައްކަތްކުރަމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ޙައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ. މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްޤުތައް ދިފާޢުކުރުމަށް ޓަކައި ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށްދަނީ ޙަރަކާތްތެރިވަމުން"

ސީއެސްސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ހިނދު، ޤާނޫނުން ލިބިދޭ ހައްޤުތައް ބޭނުންކުރުމުގައި ވެސް، ސަރުކާރުގެ އިދާރާތަކުން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އެކޮމިޝަނުން ނަސޭޙަތްތެރިވެފައިވެއެވެ.

"ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަކި ބަޔަކު ނޭނގޭގޮތަށް ޙަރަކާތްތެރިވާ ފަރާތްތަކުން ފަތުރާ މަޢުލޫމާތުތައް މީޑިއާތަކުން އާންމުކުރުމުގައި، ކަމުގެ ހަޤީޤަތް ސާފުކުރުމާއެކު މަސްލަޙަތު ނުގެއްލޭގޮތަށް ރިޕޯޓުކުރުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެކެވެ."

އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުން މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތްތައް ދިނުމުގައި، ހުރިހާ މުވައްޒަފުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި ޝުކުރު ދަންނަވާކަމަށާއި އަދި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރުމުގައި އެކޮމިޝަނުން ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ސިވިލް ސަރވަންޓްސް އެސޯސިއޭޝަން (އެމްސީއެސްއޭ) ގެ ނަމުގައި 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ދުވަހު ވަނީ ޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށްފަ އެވެ. މި އެސޯސިއޭޝަން ފަހުން ރަސްމީސިފައެއްގައި ހަރަކާތްތެރިވެފައިނުވާތީ މިހާރުވަނީ އުވާލާފަ އެވެ.