އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހިސެއިން ނިޔާޒެވެ.

Ad
rt

މި އެއްބަސްވުމާއެކު ސާފް ޗެމްޕިއަން ޝިޕްގެ ނަން “އުރީދޫ ސާފް ޗެމްޕިއަންޝިޕް”އަށް ބަދަލުވާނެއެވެ.

މީގެ ކުރިން ޓައިޓަލް ސްޕޮންސާގެ ނަން ލައިގެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ތިން ފަހަރުއެވެ. އެގޮތުން 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި މުބާރާތް ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖެއްސިއިރު 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމުގައި މުބާރާތާއި 2018ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސުޒުކީ ހަމަޖެއްސިއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ މި މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްއެވެ.