އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށްކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ހައިކޯޓުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަމީނަށް ކުރި ދައުވާތައް ހައިކޯޓުން މިދިޔަ ބުދަ ދުވަހު ބާތިލްކޮށްފައި ވަނީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުވާ ނުކުރުމުގެ ސަބަބުންނެވެ. ދައުލަތުން އެ މައްސަލަ އިސްތިއުނާފްކޮށްފައި ވަނީ ތިން ނުކުތާ އަކަށް ރިއާޔަތްކޮށެވެ.
• އެއީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައި ވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީ،
• ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާ ކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާތީއާއި،
• އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނުނުގައި ކަނޑައެޅުމުގެ މަގްސަދު ގެއްލިދާތީ އެވެ.
އަމީން މިނިވަންކުރަން ހައިކޯޓުން ނިންމުމުން އޭނާގެ މައްޗަށް މޮނިކަން އަމުރަކަށް އެދި ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި އެ އަމުރު ނެރެދީފައިވާއިރު، އޭނާ އަށް މާލެއިން ބޭރަށް ދިއުން މަނާކޮށް އިރު އޮއްސި 6ން ފެށިގެން ހެނދުނު 6އާ ހަމައަށް ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ)އިން އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!