ޕޭ ކޮމިޝަންގެ މަސައްކަތް އަވަހަށް ނިންމާ ސިވިލް ސާވަންޓުންގެ އުޖޫރައަށް ހެޔޮބަދަލެއް މިއަހަރު ގެނެސްދޭންޖެހޭ: ސައްލެ

MP Salle

ޕޭ ކޮމިޝަންގެ މަސައްކަތް އަވަހަށް ނިންމާ ސިވިލް ސާވަންޓުންގެ އުޖޫރައަށް ހެޔޮބަދަލެއް މިއަހަރު ގެނެސްދޭންޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޙަލީމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ މި ސަރުކާރުގެ ވައުދެއްކަމަށެވެ.

އެހެންކަމުން އެމަގުން މި ސަރުކާރުން މަސައްކަތްތައް ގެންދާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ސައްލެ ވިދާޅުވިއެވެ. ނަމަވެސް ކޯވިޑްގެ ހާލަތުގެ ސަބަބުން އެހެން ކަންކަންވެސް ލަސްވެގެން ދިޔަފަދައިން މިކަންވެސް ލަސްވެގެން ދިޔައީކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެދެން ސިވިލް ސާވިސް މުވައްޒަފުން އެކުރާ މަސައްކަތުގެ ހަމަ އުޖޫރަ އެ މުވައްޒަފުންނަށް ލިބިގެން ދިޔުން، ހަމައެޔާއެކު ސިވިލް ސާވިސްގައި ނުހިމެނުނު ކަމުގައި ވިޔަސް ދައުލަތުގެ އެހެން ހިދުމަތްތަކުގައި މަސައްކަތްކުރާ، އާންމު ވަޒީފަތަކުގައި އުޅޭ މުވައްޒަފުންނަށް ދިރިއުޅެވޭނެ އެކަށޭނަ އުޖޫރައެއް ލިބެމުންނުދޭ، އެ މުވައްޒަފުންނާމެދު ވެސް ވިސްނަންޖެހޭ" ސައްލެ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ، ސިވިލް ސާވިސްގެ މުސާރައަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ ބައެއް ގައުމުތަކުގައި އަހަރަކު 2 ފަހަރު އަނެއްބައި ގައުމުތަކުގައި އަހަރަކު 1 ފަހަރު މުރަޖައާކުރާއެއްޗެއް ކަމަށެވެ. އެހެންނަމަވެސް ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އެކަން ފެންނަނީ އެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ގަބޫލު ކުރަނީ ރަނގަޅު އުޖޫރަ ލިބުމަކީ ކޮންމެހެންވެސް މުވައްޒަފުންނަށް މުހިންމު ކަމެއްކަމަށާއި، އޭގެ ސަބަބުން މުވައްޒަފުންނަށް ލިބޭ ފައިދާތައް ނުހަނު ގިނަގުނަކަން ދިރާސާތަކުން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި ކުޑަ އުޖޫރައެއް ދިނުމަކީ ފައިސާ ރައްކާކުރެވޭ ކަމެއްވެސް ނޫން، ޚަރަދު ކުޑަ ކުރެވޭ ކަމެއްވެސް ނޫން އަދި މަސައްކަތުގެ ފެންވަރު ދެމެހެއްޓޭނެ ގޮތެެއްވެސް ނޫން އެހެންވީމަ ގިނަ ސަބަބުތަކަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަވަހަށް ހައްލުކުރަން، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ މިއަހަރުގެ ތެރޭގައި މިނިމަމްވޭޖް ސަރުކާރުން ތައާރަފް ކުރާނެ،" ސައްލެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިނިމަމްވޭޖް ތަޢާރަފްވުމަކީ ގިނަ ސިވިލްސާވިސް މުވައްޒަފުންނަށް މިއަދު ކުރިމަތިވެފައިވާ އުޖޫރައިގެ މައްސަލައަށް އޮތް ހައްލެއްވެސް ނޫން ކަމަށެވެ.

އެހެންކަމުން ޕޭ ސްޓްކްޗަރ އިސްލާހްކުރަން ޖެހިފައިވާ ކަމަށާއި، ގިނަ ސިވިލްސާވިސް މުވައްޒަފުންގެ ހިތްހަމަނުޖެހުމަކީ ކުރިން ތައާރަފްކޮށްފައި އޮތް ޕޭ ސްޓަކްޗަރ ކަމުނުދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ، އެ ސަބަބުތަކަށްޓަކައި މިހާރު ޕޭ ކޮމިޝަނުން ކުރަމުންދާ މަސައްކަތް އަވަހަށް ނިންމުމަށް ގޮވާލައްވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ސިވިލް ސާވަންޓުންގެ އުޖޫރައަށް ހެޔޮބަދަލެއް އަންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި