އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާނާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ސީޒަންގައި ލީގުގައި ޔުވެންޓަސް ހަތަރު މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ދެ މެޗުން އެއްވަރުވެ ދެ މެޗުން ބަލިވުމުގެ ސަބަބުން އެ ޓީމަށް ލިބިފައި ވަނީ އެންމެ ދެ ޕޮއިންޓެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 18 ވަނާގައެވެ. މިއީ ފާއިތުވި 60 އަހަރު ތެރޭގައި ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ޔުވެންޓަސްއަށް މޮޅެއް ނުލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމަށް ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވެވިފައި ނުވަނީ 1942-43, 1955-56, 1962-62 ސީޒަންގައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އަލްވާރޯ މޮރާޓާއެވެ.
މިލާނުން އެ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ އިބްރަހިމޮވިޗް، އޮލިވަ ޖިރޫޑްގެ އިތުރުން ޑޭވިޑް ކަލަބްރިއާ ނުލާ ކުޅުނު މި މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 76 ވަނަ މިނެޓުގައި ރެބިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
އިޓާލިއަން ލީގުގެ މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު، ރޭގެ ވެރޯނާ އަތުން މޮޅުވެގެން ރޯމާއަށް ތާވަލުގެ އެއްވަނަ އަށް ޖެހިލެވެން އޮތްނަމަވެސް 3-2 ގެ ނަތީޖާއިން ބަލިވުމުން ރޯމާ މިވަގުތު އޮތީ 4 މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ތިން ވަނާގައެވެ. މިލާން ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ދެ ވަނާގައި އޮތްއިރު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!