ހަތަރު މަހަށް ފަހު އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.
އިނގިރޭސި ވިލާތުން ގައުމުތައް ގިންތި ކުރުމުގައި ގެންގުޅެނީ ހަތަރު ބަޔެކެވެ. އެއީ ގްރީން ލިސްޓާއި އެމްބާ ލިސްޓާއި އެމްބާ ޕްލަސް އަދި ރެޑް ލިސްޓެވެ. މިދިޔަ ބުދަ ދުވަހުގެ ރިވިއުގައި އިނގިރޭސި ވިލާތުގެ ޓްރެވެލް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ އެމްބާ ލިސްޓުގައެވެ.
މި ލިސްޓުގައި ހިމެނުމުން ރާއްޖެ އަށް އަންނަ އިނގިރޭސި ވިލާތުގެ ފަތުރުވެރިން އެނބުރި ގައުމަށް ގޮސް ހޮޓާތަކުގައި ކަރަންޓީންވުމުގެ ބަދަލުގައި ގޭގައި ކަރަންޓީން ވެވޭނެއެވެ. އަދި އެ ގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް ޓެސްޓް ހަދާކަށް ވެސް ނުޖެހޭނެއެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ނަމަވެސް އިނގިރޭސިވިލާތުން ރާއްޖެ ރެޑް ލިސްޓުން ނުނަގާތީ ގިނަ ބަޔަކު ކަންބޮޑުވުން ފަާޅުކުރިއެވެ.
ކޮވިޑްގެ ހާލަތުގައި އިނގިރޭސވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. ނަމަވެސް އެ ގައުމުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމުން އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!